ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން އީރާނަށް އެއްވެސް ބާވަތެއްގެ ފީއެއް ނުވަތަ "ޓޯލް" އެއް ދައްކާ ފަރާތްތަކަށް، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އަދަބު ލިބޭނެ ކަމުގެ އިންޒާރު އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ދީފިއެވެ.

މީގެ ތެރޭގައި އީރާނުގެ ރެޑް ކްރެސެންޓް ފަދަ ޖަމްޢިއްޔާތަކަށް "ހިލޭ އެހީ" ނުވަތަ "ޞަދަޤާތުގެ" ނަމުގައި ދޭ ފައިސާވެސް ހިމެނޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ހޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ އިޤްތިސާދީ ގޮތުން އެންމެ މުހިންމު އެއް ކަނޑުގެ މަގެވެ. ދުނިޔޭގެ ކަނޑުމަގުން އުފުލާ ސާފުނުކުރާ ތެލާއި ޤުދުރަތީ ގޭހުގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރަނީ މި ސަރަހައްދުންނެވެ. އިސްރާއީލާއި އެމެރިކާއާ ގުޅިގެން އިރާންށް ދެމެންދާ ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން ފީއެއް ނެގުމުގެ ހުށަހެޅުން ވަނީ ހިމަނާފައެވެ.

އެމެރިކާގެ 'އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް' އިން ނެރުނު އިރުޝާދެއްގައި ބުނެފައިވަނީ، އަމާންކަމާއެކު ކަނޑުއޮޅި ހުރަސްކުރުމުގެ ފުރުސަތު ދިނުމުގެ ބަދަލެއްގެ ގޮތުން އީރާނުން ފައިސާއަށް އެދެމުންދާކަން އެމެރިކާއަށް އެނގިފައިވާ ކަމަށެވެ.

މިފަދަ ފީތައް ދެއްކުމަކީ ކުންފުނިތަކަށްވަރަށް ބޮޑަށް ގެއްލުންވާނެ ކަމެއް ކަމަށް ބުނެފައެވެ. ހުކުރު ދުވަހު އެ އިދާރާއިން ވަނީ ޚައިރާތުގެ ނަމުގައި ނުވަތަ ނުސީދާ ގޮތެއްގައި ދައްކާ ފައިސާއަކީވެސް މަނާކަމެއް ކަމަށް ސާފުކޮށްދީފައެވެ. މިގޮތަށް ފައިސާ ދައްކާފައިވާ ވަކި ޤައުމެއް ނުވަތަ ކުންފުންޏެއްގެ ތަފްސީލު ޓްރެޜަރީން ހާމަނުކުރި ނަމަވެސް، އެއް އުޅަނދަކުން ކަނޑުއޮޅި ހުރަސްކުރުމަށްޓަކައި 2 މިލިއަން ޑޮލަރު ދައްކާފައިވާ ކަމުގެ ރިޕޯޓުތައް ވަނީ ލިބިފައެވެ.

މި އިންޒާރު ނެރެފައިވަނީ އީރާނުން އެމެރިކާއާއެކު މަޝްވަރާކުރުމަށް ޕާކިސްތާނު މެދުވެރިކޮށް އެންމެ ފަހުގެ ހުށަހެޅުންތަކެއް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ. އަދި ހަބަރު ލިބޭ ގޮތުގައި، އީރާނުން ފައިސާ ހޯދުމަށް އެކި ގޮތްގޮތް ބޭނުންކުރެއެވެ. އޭގެ ތެރޭގައި އާދައިގެ ފައިސާގެ އިތުރުން، ޑިޖިޓަލް ފައިސާ، މުދަލުން މުދަލަށް ބަދަލުކުރުން، އަދި އީރާނުގެ ރެޑް ކްރެސެންޓާއި 'ބޮންޔާދު މޮސްތަޒަފާން' ނުވަތަ އީރާނުގެ އެމްބަސީ އެކައުންޓްތަކަށް ހިލޭ އެހީގެ ނަމުގައި ފައިސާ ފޮނުވުން ހިމެނެއެވެ.

"މިފަދަ ފައިސާ ދެއްކުމަކީ ނުވަތަ އީރާނުގެ ސަރުކާރުގެ ކިބައިން ރައްކާތެރިކަމުގެ ޔަޤީންކަން ހޯދުމަކީ، އެމެރިކާގެ ފަރާތްތަކަށާއި އެހެން ޤައުމުތަކުގެ ފަރާތްތަކަށްވެސް ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާންޖެހިދާނެ ކަމެއް،" ކަމަށް ބުންޏެވެ. "ފައިސާ ދައްކާ ގޮތެއްގެ ސަބަބުން މި ނުރައްކަލަކަށް ބަދަލެއް ނާންނާނެ." މީގެ އިތުރުން، އީރާނުގެ ތިން މަނީ އެކްސްޗޭންޖަކާއި އެތަންތަނާ ގުޅުންހުރި ކުންފުނިތަކަށްވެސް އެމެރިކާއިން ވަނީ އަލަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެ އިދާރާއިން ބުނާ ގޮތުގައި މި ތަންތަނަކީ އަހަރަކު އެތައް ބިލިއަން ޑޮލަރެއްގެ މުއާމަލާތްތަކަށް މަގުފަހިކޮށްދޭ ތަންތަނެވެ.

އަދި ޕެނަމާގެ ދިދަ ޖަހާފައިވާ ތެޔޮ ޓޭންކަރަކަށްވެސް އީރާނާ ގުޅުންހުރި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ، އީރާނުގެ ސަރުކާރުން ފައިސާ ހޯދުމަށާއި، އެ ފައިސާ އެކި ތަންތަނަށް ފޮނުވުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމަށް އެމެރިކާއިން މެދުކެނޑުމެއްނެތް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ



ކިޔުންތެރިންގެ ހިޔާލު