ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ދިމާކޮށް، އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ބިރުދައްކައި ސުވާލުކުރަމުންދާ ކަމަށް ބުނެ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނުހަނު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސްރީލަންކާގެ ފުލުހުން އެ ޤައުމުގައި ދިރިއުޅޭ މަދުވެގެން ހަތަރު ދިވެއްސެއްގެ އަމިއްލަ ގެއަށް ގޮސް ބިރުދައްކާފައިވާ ކަމުގެ އިތުބާރު ހުރި ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި ކުރީގެ ސަރުކާރުގައި ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގައި މަސައްކަތް ކުރެއްވި އިސް އޮފިޝަލަކުވެސް ހިމެނޭ ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.

މި ހާދިސާތައް ހިނގާފައިވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ނުވަތަ ސަރުކާރާ ގުޅިގެން ކަމަށް ބެލެވޭ ކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ. އެގޮތުން، ފުލުހުން ގޭގެއަށް ގޮސް ރައީސް މުޢިއްޒާ މެދު އެމީހުން ދެކޭ ސިޔާސީ ވިސްނުމާ ބެހޭގޮތުން ސުވާލުކޮށް، ރައީސް ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބާއްވާ ހަފްލާއަށް ނުދިއުމަށް އަންގާފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި އެމީހުންނަށް ނޭނގޭ ސިންހަޅަ ބަހުން ލިޔެފައިވާ ބަޔާންތަކެއްގައި ސޮއިކުރުވަން މަސައްކަތް ކުރުމުގެ އިތުރުން، އެކަކުގެ ގެއާއި އަމިއްލަ އިލެކްޓްރޯނިކް ވަސީލަތްތައް ދެ ގަޑިއިރެއްހާއިރު ވަންދެން ފާސްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

މީޑިއާ ރިޕޯޓްތަކާ ހަވާލާދީ އެމްޑީޕީން ބުނީ، ފުލުހުން އެ މީހުންގެ ގާތަށް ދިއުމުގެ ކުރިން ކޮލަމްބޯގައި ހުންނަ ދިވެހި ހައިކޮމިޝަނުން ގުޅައި ރައީސް ބައިވެރިވެވަޑައިގަންނަވާ ހަފްލާއަށް ދިއުމަށް ދައުވަތު ދީފައިވާ ކަމަށެވެ. ނަމަވެސް އެ ދައުވަތު ގަބޫލުނުކުރުމުން، އެ ހަފްލާއަށް ގޮސްފިނަމަ ހައްޔަރުކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފައިވާ ކަމަށާއި، ފުލުހުންގެ އަތުގައި އެމީހުންގެ ފޮޓޯއާއި ރާއްޖޭގެ ދާއިމީ އެޑްރެސް ފަދަ އަމިއްލަ މައުލޫމާތު ހުރިކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނި ގޮތުގައި މިއީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސިޔާސީ ފިކުރު މޮނިޓަރ ކުރުމަށް ސަރުކާރުން ހިންގާ ސީރިއަސް އަމަލުތަކެކެވެ. އަދި މިއީ މަތީ ފަންތީގެ ދަތުރުފުޅުތަކާ ގުޅިގެން އާންމުކޮށް ކުރިއަށްގެންދާ ސަލާމަތީ ފިޔަވަޅުތަކުގެ އިމުން ބޭރުގައިވާ ކަންކަން ކަމަށްވެސް އެ ޕާޓީން ސިފަކުރެއެވެ.

"ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށްވެސް ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ފަދަ ހުރިހާ ޙައްޤުތަކެއް ލިބިގެންވޭ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ފާރަލުމާއި ބިރުދެއްކުން ވަގުތުން ހުއްޓާލުމަށާއި، މި ކަންކަމާ ގުޅޭ ފުރިހަމަ މައުލޫމާތު ހާމަކުރުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި ސިޔާސީ ފިކުރުގެ ސަބަބުން އެއްވެސް ދިވެއްސަކަށް ޤާނޫނާ ޚިލާފު ފިޔަވަޅެއް ކުރިމަތިނުވާނެކަން ކަށަވަރުކޮށްދިނުމަށްވެސް އެ ޕާޓީން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް