ރައީސް ނަޝީދުގެ ކެމްޕޭން ތަރުޖަމާނު ދިއްދޫ ވައްޑެ-
ރައީސް ނަޝީދުގެ ކެމްޕޭން ތަރުޖަމާނު ދިއްދޫ ވައްޑެ-
އެމްޑީޕީގެ މައްޗަށް ދަޢުވާކޮށް ސިވިލް ކޯޓަށް މިއަދު ހުށަހެޅި މައްސަލައަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕޭން ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރަށްވާ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕޭން ތަރުޖަމާނު، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު (ދިއްދޫ ވައްޑެ) ވިދާޅުވީ، އެބާވަތުގެ ދޮގު ޚަބަރު ފެތުރުމަކީ ޕާޓީގެ އެތެރޭގެ މަޞްލަޙަތަށް ހިޔަނި އެޅި، އިންތިޚާބުތަކަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ.

"މިފަދަ ދޮގު ވާހަކަ ފެތުރުމަކީ މިޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެއް، އަދި އެތޭރޭގެ މަޞްލަޙަތަށް ހިޔަނި އެޅޭނެ ކަމެއް،" ވައްޑޭ ވިދާޅުވިއެވެ.

މީގެ އިތުރުން ވައްޑޭ ވިދާޅުވީ ރައީސް ނަޝީދުގެ ކެމްޕޭން ޓީމުގެ އެންމެ ބޮޑު އެދުމަކީ ވީހާވެސް އަވަހަށް ވޯޓުލުމުގެ ފުރުޞަތު ޕާޓީގެ ޢާންމު މެންބަރުންނަށް ލިބިގެންދިޔުން ކަމަށެވެ. އަދި ކެމްޕޭނުގެ ފަރާތުން ހިންގާ ހަރަކާތްތަކާއި ނިންމާ ނިންމުންތައް ގަވާއިދުން މީޑިއާއަށް ހާމަކުރަމުން ގެންދާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.

ނަޝީދުގެ ކެމްޕޭން ޓީމުގެ ފަރާތުން ނެރުނު ނޫސްބަޔާނުގައި ސާފުކޮށްދީފައިވާ ގޮތުގައި، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ގާނޫނީ ވަކީލު އަލްއުސްތާޒު އަބްދުﷲ ޝާއިރު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި މައްސަލައެކެވެ. މިއީ ކެމްޕޭން ޓީމާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ކެމްޕޭން ޓީމުން މި ބަޔާން ނެރެފައިވަނީ، އެ މައްސަލައަކީ ނަޝީދުގެ ފަރާތުން ހުށަހެޅި މައްސަލައެއް ކަމަށް ވިދާޅުވެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު