އައިއޯޓީސީގެ 30 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން- ފޮަޓޯ: މިނިސްޓްރީ
އައިއޯޓީސީގެ 30 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން- ފޮަޓޯ: މިނިސްޓްރީ
އިންޑިއާ ކަނޑުގެ ގައުމުތަކުގެ މެދުގައި މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައަޅައި، ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމުގެ އެންމެ އިސް ދައުރެއް އަދާކުރާ "އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން" (އައިއޯޓީސީ) ގެ 30 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި ރަސްމީކޮށް ފަށައިފިއެވެ.

މިއީ މި ކޮމިޝަނުގެ ތާރީޚުގައި މިފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މާލޭގެ ބާސެލޯ ނަސަންދުރަ ހޮޓަލުގައި މިއަދު ފެށުނު މި ބައްދަލުވުންތައް މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސަރަހައްދަށް ނިސްބަތްވާ ގައުމުތަކުގެ 200 އަށްވުރެ ގިނަ މަންދޫބުންނާއި، މަސްވެރިކަމުގެ ދާއިރާގެ އިސް އޮފިޝަލުންނާއި ފަންނީ މާހިރުން ބައިވެރިވެވަޑައިގަންނަވައެވެ.

މި އަހަރުގެ ބައްދަލުވުންތައް ފެށިގެން ގޮސްފައިވަނީ ކޮމްޕްލަޔަންސް ކޮމިޓީގެ ސެޝަނުންނެވެ. މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަރަހައްދީ ފެންވަރުގައި މަސްވެރިކަން ކުރާ ގޮތް ބަލައި، ކޮންޓްރޯލްކުރުމާއި މޮނިޓަރކުރުމުގެ ނިޒާމުތައް ހަރުދަނާކޮށް މުރާޖައާކުރުމެވެ. މީގެ އިތުރުން، އިންޑިއާ ކަނޑުގެ މަސްވެރިކަމުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި، މަސްވެރިކަމުގެ ސިނާއަތުގައި ދެފުށް ފެންނަ، ޒިންމާދާރު އުސޫލުތައް ކުރިއެރުވުމަށް މި ކޮމިޓީން މަސައްކަތް ކުރާނެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، ބައިނަލްއަގުވާމީ ފެންވަރުގެ މިފަދަ ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމަކީ ދުނިޔޭގެ މަސްވެރިކަމުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ދިވެހި ފަންނީ މާހިރުންނަށް ބައިނަލްއަގުވާމީ މާހިރުންނާއެކު ގުޅުން ބަދަހިކުރުމުގެ ރަނގަޅު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ މަސްވެރިކަން އިތުރަށް އިޝްތިހާރު ވުމަށްވެސް މި ބައްދަލުވުން މަގުފަހިކޮށްދޭނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

އައިއޯޓީސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއި ކަނޑުގެ ދިރުންތަކުގެ ނިޒާމު ރައްކާތެރިކުރުމުގެ އެންމެ އިސް ޒިންމާ އުފުލާ ސަރަހައްދީ ޖަމިއްޔާއެވެ.



ކިޔުންތެރިންގެ ހިޔާލު