މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މާލޭގައި ރަށްވެހިވެފައިވާތާ އެއް އަހަރަށްވުރެ ކުރު މުއްދަތެއް ވެފައިވާ ފަރާތްތަކަށް ވެސް، ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް ފޯމު ހުށަހެޅޭ ގޮތަށް އުސޫލުތަކަށް ބަދަލު ގެނެސްފިއެވެ.

މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު ބުނީ، މާލޭގައި ރަށްވެހިވިތާ އެއް އަހަރު ނުވި ނަމަވެސް، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން މިހާރު ފޯމު ހުށަހެޅޭނެ ކަމަށެވެ.

މި ބަދަލު ގެނެސްފައިވަނީ "މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީ" އަށް ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ހައުސިން މިނިސްޓްރީން ބުނީ، މި ކެޓަގަރީން ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާއިރު، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތެއްކަން އެނގޭނެ ލިޔެކިޔުމުގެ އިތުރުން މާލޭގައި ރަށްވެހިވި ތާރީހް އަންގައިދޭ ލިޔުން ހުށައަޅަން ޖެހޭނެ ކަމަށެވެ.

ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ރަސްމާލެއިން 1،250 އަކަފޫޓުގެ ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މާލޭ ރަށްވެހިންނަށް ގްރޭޓާ މާލެ ސަރަހައްދުންނާއި، ރަސްމާލެއިންނެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.

އެގޮތުން 1250 އަކަފޫޓުގެ 15،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، ގްރޭޓަރ މާލޭ ސަރަޙައްދުން 7900 ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވެއެވެ. 7،900 ފުލެޓުގެ ތެރެއިން 4،000 ފްލެޓު ދިނުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށެވެ. އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފުލެޓު ދިނުމަށާއި، ބާކީ 2،400 ފުލެޓު ސަރުކާރުން ކަނޑައަޅާފައިވާ ހާއްސަ ކެޓަގަރީތަކަށް ދިނުމަށް ވަނީ ނިންމައިފައެވެ.

މި މަޝްރޫޢުގެ ދަށުން ގޯއްޗަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ ސަރުކާރުގެ "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.



ކިޔުންތެރިންގެ ހިޔާލު