ދިވެހިރާއްޖޭގެ މުއްސަނދި ސަޤާފަތާއި ތާރީޚީ ހަނދާންތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ބޮޑު މަޝްރޫއެއް ފަށައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ހީނާ ވަނީ މި މަސައްކަތްތަކުގެ ތަފުސީލު ހާމަކުރައްވާފައެވެ.

ހީނާ ވިދާޅުވި ގޮތުގައި، ދިވެހިވަންތަކަމުގެ ސިފަތަކާއި އާދަކާދަތައް ދެމެހެއްޓުމަށްޓަކައި "ދޫދޫ މަތިން ހަނދާން އެއްކުރުމުގެ ޤައުމީ މަޝްރޫއު" ގެ ނަމުގައި ޚާއްސަ ހަރަކާތެއް މިހާރު ވަނީ ފަށާފައެވެ. މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ލިޔެވިފައިވާ ތާރީޚުގެ އިތުރުން، އުމުރުން ދުވަސްވީ މީހުންގެ ތަޖުރިބާތަކާއި ދޫދޫމަތިން ކިޔައިދޭ ވާހަކަތައް އެއްކޮށް ރައްކާތެރިކުރުމުގެ އާދަ ދިވެހިންގެ ތެރޭގައި އަށަގެންނެވުމެވެ.

މި މަސައްކަތުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށަކުން 10 މީހުން ތަމްރީނު ކުރުމަށް ވަނީ ނިންމާފައެވެ. މި ފަރާތްތަކުން ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެން، ރަށުގެ ތާރީޚީ ހާދިސާތަކާއި ދިރިއުޅުމުގެ އާދަކާދަތައް ރެކޯޑުކޮށް ބަލަހައްޓާނެއެވެ.

މީގެ އިތުރުން، "ތަރިކަވެރިން އުފެއްދުމުގެ ޤައުމީ މަޝްރޫއު" ގެ ދަށުންވެސް ކޮންމެ ރަށަކުން 10 މީހުން ތަމްރީނު ކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ. މި މީހުންގެ ޒިންމާއަކީ ރަށުގެ ތާރީޚީ މައުލޫމާތުތައް އުނގެނި، އެ ތަކެތި ލިޔެ ރައްކާތެރިކުރާ ބަލަދުވެރިންގެ ގޮތުގައި މަސައްކަތް ކުރުމެވެ.

ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މި ދެ މަޝްރޫއުގެ ސަބަބުން ކޮންމެ ރަށަކުން ޖުމްލަ 20 މީހުން ތަމްރީނުވެ، ދިވެހި ތަރިކަ ރައްކާތެރިކުރުމުގެ ވަރުގަދަ ނިޒާމެއް މުޅި ރާއްޖޭގައި ގާއިމުވެގެންދާނެއެވެ. މިއީ ދިވެހި އަމިއްލަވަންތަކަން ދެމެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދޭ މުހިއްމު އަހަންމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު