ޕީއެންއެފްގެ އެސްޖީ މަލީހް ޖަމާލް-
ޕީއެންއެފްގެ އެސްޖީ މަލީހް ޖަމާލް-
ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު އިންތިހާއަށް ދަށަށް ގޮސް، ދިވެހި ރައްޔިތުންނަށް މިފަހަކަށް އައިސް ކުރިމަތިނުވާ ފަދަ ދަތި އަދި ތަދު ދުވަސްވަރަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އަދި ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވީ މިހާރުގެ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުކިޔަމުން، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ގައުމުގެ އިގްތިސާދުގެ މައިގަނޑު އަސާސްތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ.

"ދިވެހިންނަށް މިހާ ދަތި ދުވަސްވަރެއް މިފަހުން ނާދޭ. އިގްތިސާދުގެ އަސާސްތައް ވަނީ ހުއްޓުމަކަށް އައިސްފަ. ބޭރުގެ އިންވެސްޓްމެންޓުތައް ނުގެނެވޭ. އެކްސްޕޯޓު މިވަނީ ހީނަރުވެފަ،" މަލީހްގެ ޕޯސްޓުގައި ވެއެވެ.

މަލީހް އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، ގައުމަށް ބޭރު ފައިސާ ވަންނާނެ އައު މަގުތަކެއް ކޮށައިދިނުމުގައި ސަރުކާރު ނުކުޅެދިފައިވާއިރު، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ބޭރުގެ ބާޒާރުތަކަށް ފޮނުވޭ މިންވަރު ނުވަތަ އެކްސްޕޯޓް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މީގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށާއި، ރައްޔިތުންގެ އަތްމަތި ދަތިވުމުގެ މައްސަލައަށް އެދެވޭ ހައްލެއް ނުލިބޭ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން، ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުން ނަތީޖާއެއް ނުފެންނަ ކަމަށާއި، މީގެ ސަބަބުން ގައުމުގެ ތަރައްގީގެ ދުވެލި މަޑުޖެހިފައިވާ ކަމަށްވެސް މަލީހް ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު