މުމްބާއީގެ އާއިލާއެއްގެ ހަތަރު މީހުން ކުއްލި ގޮތަކަށް މަރުވި ހާދިސާގެ ތަހުޤީގު ކުރިއަށްދާ ގޮތް ބަދަލުވެ، އެމީހުން މަރުވީ ކަރާ ކައިގެން ކަމަށް ކުރިން ކުރެވުނު ތުހުމަތުތަކުގެ ބަދަލުގައި، މިހާރު ތަހުޤީގު އަމާޒުވެފައިވަނީ އެމީހުންގެ ހަށިގަނޑަށް އެތެރެވި ނުރައްކާތެރި ވިހަ މާއްދާއަކަށެވެ.

މި ހާދިސާ ހިނގުމާއެކު، އެމީހުން މަރުވީ ކަރާގެ ސަބަބުން ކަމަށް ބުނެ ފެތުރުނު ޚަބަރުތަކާ ގުޅިގެން މުމްބާއީގެ ބައެއް ސަރަހައްދުތަކުގައި ބޮޑު ބިރުވެރިކަމެއް އުފެދި، ކަރާ ވިކޭ މިންވަރު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. ނަމަވެސް، ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ) އިން ކުރި

ތަހުޤީގުން ދައްކާ ގޮތުގައި އެ އާއިލާއިން ކެއި ކަރާގައި އެއްވެސް ކަހަލަ ގެއްލުންދެނިވި މާއްދާއެއް ނުވަތަ ކެމިކަލެއް ނެތެވެ. އެފް.ޑީ.އޭ ގެ އޮފިޝަލުން ވިދާޅުވީ، ކަރާގެ ކުލަ ރީތިކުރުމަށް، ފޮނިގަދަކުރުމަށް ނުވަތަ ސައިޒު ބޮޑުކުރުމަށް އެއްވެސް އާޓިފިޝަލް ކުލައެއް ނުވަތަ ކެމިކަލެއް ބޭނުންކޮށްފައި ނުވާކަން މިހާތަނަށް ބެލިބެލުމުން އެނގޭ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. މަރުވެފައިވަނީ ޢަބްދު ﷲ ދޯކާޑިއާ (40 އަހަރު)، އޭނާގެ އަންހެނުން ނަސީމް (35 އަހަރު) އަދި އެމީހުންގެ ދެ އަންހެން ދަރިން ކަމަށްވާ އައިޝާ (16 އަހަރު) އާއި ޒައިނަބް (13 އަހަރު) އެވެ. އާއިލާގެ މީހުން ބުނާ ގޮތުގައި ގޭގައި ބޭއްވި ކުޑަ ޙަފްލާއެއްގައި ބިރިޔާނީ ކެއުމަށްފަހު، މި އެންމެންވެސް ވަނީ ކަރާ ކައިފައެވެ. ކަރާ ކެއިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެމީހުން ހޮޑުލައި، ހޭނެތޭ ފަދަ ހާލަތަކަށް ދިޔައެވެ. ހާލަތު އިތުރަށް ގޯސްވުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ނަމަވެސް އެމީހުންގެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ.

މަރުވި މީހުންގެ ހަށިގަނޑުން ތަދުކަނޑުވަން ބޭނުންކުރާ ބާރުގަދަ ބޭހެއް ކަމަށްވާ 'މޯފިން' ގެ އަސަރު ފެނުމާއެކު، މިއީ ގަސްތުގައި ދީފައިވާ ވިހައެއްތޯ ބަލަން މިހާރު ވަނީ ފަށާފައެވެ. ސީ.އެން.އެން-ނިއުސް18 އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ހަށިގަނޑުން މޯފިން ފެނުމަކީ ނުރައްކާތެރި ވިހަ މާއްދާއެއް ހަށިގަނޑަށް އެތެރެވުމުގެ ސަބަބުން ދިމާވި ކަމެއްކަން ދޭހަވާ ކަމެކެވެ. ނަމަވެސް، މަރުވި ސީދާ ސަބަބު ކަމާބެހޭ ފަރާތްތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މީގެ އިތުރުން، ޑޮކްޓަރުން ފާހަގަކުރި ގޮތުގައި މަރުވި މީހުންގެ ސިކުނޑި، ހިތް އަދި ގޮހޮރު ފަދަ އެތެރެހަށީގެ ގުނަވަންތައް ހުރީ ފެހި ކުލައަށް ބަދަލުވެފައެވެ. މިއީ ވަރަށް އާދަޔާ ހިލާފު ކަމެއް ކަމަށާއި، މިއީ ކެމިކަލެއް ނުވަތަ ވިހަ މާއްދާއެއްގެ އަސަރުން ވެފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށް ޑޮކްޓަރުން ބުނެއެވެ.

ކަރާގެ ސަބަބުން ވިހަވީ ކަމަށް ފެތުރުނު ޚަބަރާއެކު މުމްބާއީގެ ބައެއް ބާޒާރުތަކުން ކަރާ ހުސްވެ، އަގުތައް ވެސް ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. ބައެއް ވިޔަފާރިވެރިން ކަރާ ކިލޯއެއް 5 ރުޕީސް އަށް ވުރެ ވެސް ހެޔޮ އަގުގައި ވިއްކަން ޖެހުނެވެ. މިހާރު ވިޔަފާރިވެރިން އެދެމުންދަނީ އާންމުންގެ މެދުގައި އުފެދިފައިވާ ބިރުވެރިކަން ނައްތާލައި، އިތުބާރު ހޯދުމަށްޓަކައި މިކަމުގެ ހަޤީގަތް ވީހާވެސް އަވަހަށް ތަހުޤީގީ އިދާރާތަކުން ހާމަކޮށްދިނުމަށެވެ.



ކިޔުންތެރިންގެ ހިޔާލު