އައިއޯސީޓީގެ ބައްދަލުވުމެއް-
އައިއޯސީޓީގެ ބައްދަލުވުމެއް-
އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ވަސީލަތްތައް ބެލެހެއްޓުމާ ބެހޭ ބައިނަލްއަގުވާމީ އިދާރާ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ ބައްދަލުވުން މި މަހުގެ 4 އިން 15 އަށް ދިވެހިރާއްޖޭގައި ބޭއްވުމަށް ހުރިހާ ތައްޔާރީތަކެއް ވެ ނިމިއްޖެއެވެ.

މާލޭގެ ބާސެލޯ ނަސަންދުރާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އިސް ބޭފުޅުން ހިމެނޭހެން 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ އައި.އޯ.ޓީ.ސީގެ ކޮމިޝަން ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ.

މިފަދަ މުހިންމު ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާވެ، މަސްވެރިކަމުގެ ސިނާއަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓްރީން ބުނެއެވެ. މި ފުރުސަތު ރާއްޖެއަށް ލިބިގެންދިޔައީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ކުރައްވާ މަސައްކަތްޕުޅުތަކުގެ ސަބަބުން ކަމަށްވެސް މިނިސްޓްރީން ހާމަކުރިއެވެ. މި ބައްދަލުވުމުގެ ހުރިހާ ޚަރަދެއްވެސް ކުރާގޮތަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުންނެވެ.

އައި.އޯ.ޓީ.ސީގެ މައި ބައްދަލުވުމުގެ އިތުރުން، އެ އިދާރާގެ ދަށުން ހިންގާ ބައެއް މުހިންމު ކޮމިޓީތަކުގެ ބައްދަލުވުންތައް ވެސް މި މުއްދަތުގައި ރާއްޖޭގައި ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ކޮމްޕްލަޔަންސް ކޮމިޓީގެ 23 ވަނަ ބައްދަލުވުމާއި، އިދާރީ އަދި މާލީ ކަންކަމާ ބެހޭ ކޮމިޓީގެ 23 ވަނަ ބައްދަލުވުމުގެ އިތުރުން މެނޭޖްމަންޓް ޕްރޮސީޖަރސްއާ ބެހޭ ޓެކްނިކަލް ކޮމިޓީގެ 10 ވަނަ ބައްދަލުވުން ހިމެނެއެވެ.

އައި.އޯ.ޓީ.ސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއި ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރަހައްދީ އިދާރާއެވެ. މި ބައްދަލުވުމުގައި ނިންމާ ނިންމުންތަކުގެ ސަބަބުން، މަސްބޭނޭނެ މިންގަނޑުތައް ކަނޑައެޅުމާއި ކަނޑުމަހުގެ އާބާދީ ރައްކާތެރިކުރުމަށް މަގުފަހިވެ، އަންނަން އޮތް ޖީލުތަކަށް މަސްވެރިކަމުގެ ސިނާއަތުގެ މަންފާ ކަށަވަރުވެގެންދާނެއެވެ.

މިއީ ސަރަހައްދީ ފެންވަރުގައި މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ރާއްޖެއިން އަދާކުރާ އިސް ދައުރު ހާމަކޮށްދޭ މުހިންމު ހަރަކާތެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު