ވިއްސާރަ ދުވަހެއް-
ވިއްސާރަ ދުވަހެއް-
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ އުތުރުގެ ހއ. އަތޮޅުން ފެށިގެން ދެކުނުގެ ހުވަދު އަތޮޅާ ހަމައަށެވެ. މި ސަމާލު ނެރެފައިވަނީ މިރޭ 20:00 އާ ހަމައަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ވަގުތުތަކުގައި ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ވައިގަދަވާނެ ކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ވަގުތުތަކުގައި ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިއަދު ހެނދުނުގެ ވަގުތެއްގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށްވެސް ވަނީ މޫސުން ގޯސްވާނެ ކަމަށް ބަލައި ހުދު ސަމާލު ނެރެފައެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ވައިގަދަވެފައިވާތީ، ކަނޑުދަތުރުކުރައްވާ ފަރާތްތަކުންނާއި އެހެނިހެން ފަރާތްތަކުންވެސް މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. ވަކިން ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯއްދެވުމަކީ ރައްކާތެރިކަމުގެ ގޮތުން މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު