ބީއެމްއެލްގެ ސީއީއޯ ޝަރީފް
ބީއެމްއެލްގެ ސީއީއޯ ޝަރީފް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކޮށް، ހަމަހަމަކަމާއެކު ބޭރު ފައިސާ ދޫކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

މި ބަދަލުތަކުގެ ތެރޭގައި، މޯލްޑިވްސް އިމިގްރޭޝަނާއެކު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަންގެ އެހީގައި، ރާއްޖެއިން ބޭރުގައި އޭޓީއެމް އަދި ޕީއޯއެސްތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް އެކްޓިވް ވާނީ ހަމައެކަނި ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުންނަ ވަގުތުތަކުގައި އެކަނި ކަމަށް ބޭންކުން ވަނީ ކަނޑައަޅާފައެވެ.

މީގެ ސަބަބުން ކާޑުގެ ވެރިފަރާތް ރާއްޖޭގައި ހުރެފައި، އެފަރާތުގެ ކާޑު ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުންނުކުރެވޭނެކަން ބޭންކުން ފާހަގަކުރެއެވެ.

ކިޔަވާ ކުދިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ރާއްޖެއިން ބޭރުގައި އަމިއްލަ ކާޑެއް ނެތި ބެލެނިވެރިޔާގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް، ކިޔަވާކުދިންނަށް ދޫކުރާ ޚާއްސަ ލިމިޓާއެކު "ސްޓޫޑެންޓް ކާޑު" ދޫކުރުމަށް ވަނީ ނިންމާފައެވެ.

މި ކާޑު ދޫކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދޭން ނިންމާފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ބެލެނިވެރިޔާގެ ކާޑު ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން، ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އެއްވެސް ލިމިޓެއް ނެތި ބޭނުންކުރެވޭނެ ކަމަށާއި، ގިނަ ކްރެޑިޓް ކާޑު ގެންގުޅޭ ފަރާތްތަކުގެ ތެރެއިން އެއް ކާޑަށްވުރެ ގިނަ ކާޑުން އަހަރީ ފީ ނުނަގާ ގޮތަށް ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

އޮންލައިން ވިޔަފާރިތަކަށް ބަލާއިރު، އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ވިޔަފާރީގެ ބޭނުމަށް ގިނަ އަދަދަކަށް މުދާ ގަންނަކަން ފާހަގަކުރެވިފައިވާތީ، އީކޮމާސް ވިޔަފާރިތަކަށް ބޭންކުން ވިއްކާ ބޭރު ފައިސާ ކޮންމެ ދުވަހަކުވެސް ވަކި ބަޖެޓެއްގެ ތެރެއިން ވިއްކުމަށް ވަނީ ނިންމާފައެވެ.

މިގޮތުން ކޮންމެ ކަސްޓަމަރަކަށް މަހަކު ކުރެވޭނެ އީކޮމާސް ޓްރާންސެކްޝަންގެ އަދަދު 30 އަށް ވަނީ ކަނޑައަޅާފައެވެ. ބޭންކުން ބުނާ ގޮތުގައި މިއީ ބޭންކަށް ލިބޭ ބޭރު ފައިސާ ވީހާވެސް ގިނަ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ.

ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ބޭރު ފައިސާ ވިއްކުން ބޭންކު ހުޅުވިފައި ހުންނަ ގަޑިތަކަށް ބަދަލުކޮށްފައިވީ ނަމަވެސް، އެކައުންޓުގައި ބޭރު ފައިސާ ހުރެގެން ފޮނުވާ ޓީޓީތައް ބަންދު ދުވަސްތަކާއެކު ހުރިހާ ގަޑިއެއްގައި ވެސް ފޮނުވޭނެއެވެ.

އަދި ޓީޓީތައް ސްޕްލިޓްކޮށްގެން (ބަހާލައިގެން) ފޮނުވާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް ބޭރު ފައިސާ ވިއްކާނީ ކަނޑައެޅިފައިވާ ލިމިޓްތަކުގެ ތެރެއިން ކަމަށް ވެސް ބޭންކުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު