ރީކޯ މޫސަ
ރީކޯ މޫސަ
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ޓިކްޓޮކްގައި އާންމުކުރި ވީޑިއޯއެއްގައި ވިދާޅުވީ، ޕާޓީގެ އެތެރޭގެ އިންތިހާބެއްގެ ކަންކަން ފެށިގެންދާއިރު ފިތުނަވެރިކަން އިތުރުވަމުންދާ ކަމަށާއި، ނަމަވެސް އިންތިހާބަށްފަހު އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.

އެމްޑީޕީއަށް ދެރަގޮތެއް ވެއްޖެނަމަ މުޅި ރާއްޖެއަށްވެސް ނިކަމެތިކަން ލިބޭނެކަން ފާހަގަކުރައްވަމުން މޫސަ ވިދާޅުވީ، މި ނިމިދިޔަ އިންތިހާބަކީ ރައްޔިތުން އެމްޑީޕީ ބޭނުންވެފައިވާ މިންވަރު ހާމަވެގެންދިޔަ އިންތިހާބެއް ކަމަށެވެ. އަދި ސަރުކާރުން ކުރަން އުޅުނު ބައެއް ކަންކަން ހުއްޓުވުމުގެ ކްރެޑިޓް ވަކި މީހަކަށް ދޭން ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޫސަގެ ވާހަކަފުޅުގައި މާރިޔާ އަހުމަދު ދީދީ ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. މާރިޔާގެ ވާހަކަތަކުގެ ސަބަބުން ފިތުނަ އުފެދޭ ކަމަށް ބުނެ، މީކާއީލް ނަސީމްގެ ފަހަތުގައި ތިބީ "ބާޣީން" ކަމަށް ސިފަކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން، 2018 ވަނަ އަހަރު ގާސިމް އިބްރާހިމާއި، ނާޒިމާއި، އިމްރާން އަދި ރައީސް މައުމޫނާއެކު ކޯލިޝަން ހަދައިގެން ސަރުކާރު އެކުލަވާލިއިރު، މާރިޔާއަކީ އެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަންވެސް މޫސަ ހަނދާންކޮށްދެއްވިއެވެ.

ޒުވާން ކެންޑިޑޭޓުންނަށް އިހުތިރާމް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން މޫސަ ވިދާޅުވީ، މީކާއީލް ފަދަ ޒުވާން ބޭފުޅުންނަށް "ކުޑަކުދިން" ކަމަށް މުހާތަބު ކުރުމުގެ ބަދަލުގައި، އެބޭފުޅުންނަކީ ޕާލިމެންޓަރީ ގްރޫޕުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޒިންމާދާރު ސިޔާސީ ބޭފުޅުންކަން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ. އަދި ރައީސް ނަޝީދާއި މީކާއީލްގެ އިތުރުން އެހެން ކެންޑިޑޭޓުންނަށްވެސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނަންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސަގެ ވީޑިއޯ ނިންމާލައްވާފައިވަނީ އެމްޑީޕީގެ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް ވާހަކަ ނުދެއްކުމަށާއި، ޕާޓީގެ އެންމެން އެކުގައި މަސައްކަތް ކޮށްގެން ނޫނީ ކާމިޔާބީއެއް ނުލިބޭނެ ކަމަށް ވިދާޅުވެ އެއްބައިވަންތަކަމަށް ގޮވާލައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު