ވަކީލު އަލީ ހުސެއިން
ވަކީލު އަލީ ހުސެއިން
"އަދަދު" ނޫހުގެ އިސްވެރިންގެ މައްޗަށް ފުލުހުން ހިންގަމުންދާ ޤަޛުފުގެ ތަހުގީގަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަކަށް، ސިޔާސީ ބޭނުމެއްގައި ހިންގާ ތަހުގީގެއް ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ތުހުމަތު ކުރައްވައިފިއެވެ.

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ފުލުހަށް ހާޒިރުކުރުމާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަލީ ހުސައިން ވިދާޅުވީ، މިކަމުގެ އަސްލު ގުޅިފައިވަނީ ދާދިފަހުން ބޭއްވި ރެފަރަންޑަމް ވޯޓުން ސަރުކާރަށް ރައްޔިތުން ދިން ބޮޑު ނާކާމިޔާބީއާ ކަމަށެވެ.

އަލީ ހުސައިން ފާހަގަކުރެއްވި ގޮތުގައި، އަދަދު ނޫހުން ނެރުނު ޑޮކިއުމަންޓްރީގައި އެއްވެސް އިރަކު ޤަޛުފުގެ (ޒިނޭގެ ތުހުމަތު) އަމަލެއް ހިންގާފައެއް ނުވެއެވެ.

ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އެއީ ޤަޛުފު ކަމަށް ނިންމަވައިގެން މައްސަލަ ކުރިއަށް ގެންދަވަނީ ކަމަށް އޭނާ ވިދާޅުވިއެވެ. ސީދާ ޒިނޭގެ ތުހުމަތެއް ކޮށްފައި ނުވާއިރު، ޤަޛުފުގެ މައްސަލައެއް ތަހުގީގު ނުކުރެވޭނެތީ، ފިޔާޒު މިއަދު ފުލުހުންގެ ސުވާލުތަކަށް ޖަވާބު ނުދީ ހަނު ހުރިކަން ވެސް ވަކީލު ހާމަކުރެއްވިއެވެ.

މީގެ އިތުރުން، މި ތަހުގީގު ފެށި ވަގުތަށް ބަލާއިރު ވެސް މިއީ ނުފޫޒުން ކުރާ ކަމެއްކަން ހާމަވާ ކަމަށް އަލީ ވިދާޅުވިއެވެ. އެގޮތުން ޑޮކިއުމަންޓްރީ އާންމުކުރިތާ ގިނަ ދުވަސްތަކެއް ފަހުން، އަދި ރެފަރަންޑަމްގެ ނަތީޖާއަށް ފަހު މި މައްސަލަ ކުއްލިއަކަށް ފެންމަތިކުރުމަކީ ސަރުކާރަށް ލިބުނު ނާކާމިޔާބީގެ ބަދަލު ހިފުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.

"މިއީ މިހާރު ނިމުމާ ގާތްވެފައި އޮތް ސަރުކާރެއް" ކަމަށް ވިދާޅުވެ، އަލީ ވަނީ ރައްޔިތުންގެ ނުރުހުމުގެ ރުޅިވެރިކަން ނޫސްވެރިންނަށް އަމާޒު ނުކުރުމަށް ގޮވާލައްވާފައެވެ.

ފުލުހުންގެ އިދާރާގައި ފިޔާޒުގެ މައްޗަށް ޖުމްލަ ހަތް ތުހުމަތެއް ކޮށްފައިވާކަން ފާހަގަކުރައްވަމުން، އަލީ ހުސައިން ވިދާޅުވީ ގާނޫނީ ހަމަތަކުން ބޭރުން ހިންގާ މިފަދަ އެއްވެސް އަމަލަކަށް ދޫނުދެއްވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު