އޭއައި ބޭނުން ކޮށްގެން ޓްރަމްޕް ހަދާފައިވާ ފޮޓޯ-
އޭއައި ބޭނުން ކޮށްގެން ޓްރަމްޕް ހަދާފައިވާ ފޮޓޯ-
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބުދަ ދުވަހުގެ ހެނދުނު 'ޓްރުތް ސޯޝަލް' މެދުވެރިކޮށް އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވައި، އެ ޤައުމުން "ވިސްނުންތެރިކަން އިސްކުރަންޖެހޭ" ކަމަށް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނަށް ކަންކަން ރަނގަޅަށް ކުރަން ނޭނގޭ ކަމަށާއި، ނިއުކްލިއާ ހަތިޔާރާ ނުގުޅޭ އެއްބަސްވުމެއްގައި ސޮއިކުރާނެ ގޮތެއްވެސް އެ ގައުމަށް ނޭނގޭ ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

މި ޕޯސްޓާއެކު ޓްރަމްޕް ވަނީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ފޮޓޯއެއް ހިއްސާކުރައްވާފައެވެ. އެ ފޮޓޯއިން ފެންނަނީ ގޮވުންތަކެއްގެ ކުރިމަތީގައި ބަޑިއެއް ހިއްޕަވައިގެން ޓްރަމްޕް ހުންނަވާ މަންޒަރެވެ. އަދި އޭގައި "ދެން އޯގާތެރިކަމެއް ނޯންނާނެ" މިހެން ލިޔެފައިވެއެވެ. ޓްރަމްޕް މިފަދަ އިންޒާރެއް ދެއްވާފައި މިވަނީ، ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން މަޝްރަހު ގޯސްވެ، އީރާނާއެކު ކުރިއަށްދާ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ ހަފުތާ ބަންދުގައި އެމެރިކާގެ މަންދޫބުން އިސްލާމްއާބާދަށް ކުރަން އޮތް ދަތުރުވެސް ޓްރަމްޕް ވަނީ ކެންސަލް ކުރައްވާފައެވެ. ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، ހުރިހާ ބާރެއް އޮތީ އެމެރިކާގެ އަތުގައި ކަމަށާއި، އީރާނުން ވާހަކަދައްކަން ބޭނުންނަމަ އެ ޤައުމުން އިސްނަގައިގެން އެމެރިކާއާ ގުޅަންޖެހޭނެ ކަމަށެވެ. މީގެ ކުރިން ނައިބު ރައީސް ޖޭޑީ ވެންސް އިސްވެ ހުންނަވައިގެން ކުރެއްވި މަޝްވަރާތައްވެސް ވަނީ އެއްބަސްވުމަކާ ހަމައަށް ނާދެވި ނިމިފައެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް

ކަށަވަރުކޮށްދެއްވި ގޮތުގައި، އީރާނުން ހުށަހަޅާފައިވަނީ އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ފިޔަވަޅުތައް އުވާލައި، ހަނގުރާމަ ހުއްޓާލައިފިނަމަ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށެވެ. ނަމަވެސް މި ހުށަހެޅުމުގައި ނިއުކްލިއާ މަޝްވަރާތައް ފަހުގެ ތާރީޚަކަށް ފަސްކުރުމަށް ވަނީ ހިމަނާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި އީރާނުގެ މި ހުށަހެޅުމާމެދު ޓްރަމްޕް ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވައެވެ. އަދި އެމެރިކާގެ ފަރާތުން ބަދަލުގައި އެހެން ހުށަހެޅުމެއް ހުށަހަޅާނެ ކަމަށް ބެލެވެއެވެ.

ޓްރަމްޕްގެ މި އިންޒާރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ޑަބްލިއު.ޓީ.އައި ތެލުގެ އަގު 2.82 އިންސައްތަ މައްޗަށް ގޮސް، ފީފާއެއްގެ އަގު 102.75 ޑޮލަރަށް އަރާފައިވާއިރު، ބްރެންޓް ކުރޫޑްގެ އަގު ވަނީ 3 އިންސައްތަ މައްޗަށް ގޮސް 114.62 ޑޮލަރަށް އުފުލިފައެވެ. މީގެ އިތުރުން، ޔުނައިޓެޑް އެރަބް އެމިރޭޓްސް އިން އޯޕެކް ދޫކޮށްލަން ނިންމުމާ ގުޅިގެންވެސް ތެލުގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.



ކިޔުންތެރިންގެ ހިޔާލު