ހައުސިން މިނިސްޓަރ- ފޮޓޯ: މަޖިލިސް
ހައުސިން މިނިސްޓަރ- ފޮޓޯ: މަޖިލިސް
'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފްލެޓް ލިބުނު ބައެއް މީހުންގެ އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލުމަށް ނިންމި ނިންމުމަކީ ސިޔާސީ ވިސްނުމެއް އޮވެގެން ނިންމި ނިންމުމެއް ނޫން ކަމަށާއި، އެއީ ބައެއްގެ ޙައްގުތައް ހިމާޔަތް ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ހައުސިން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4000 ފްލެޓާ ގުޅޭގޮތުން ވާހަަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ފްލެޓް ލިބޭ މީހުންގެ އައު ލިސްޓެއް އެކުލަވާލާފައެއް ނުވާނެ ކަމަށެވެ. އަދި ފްލެޓް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ބަންޑާރަނައިބުގެ ލަފަޔާއެކު، 15 ނޮވެމްބަރު 2023 ގައި ކުރީގެ ސަރުކާރުން އެކުލަވާލާފައިވާ ފައިނަލް ލިސްޓަށް ބަލައިގެން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް، އެގްރިމަންޓްގައި ސޮއިކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ފޮނުވި ލިސްޓުގައި ހިމެނޭ ބައެއް މީހުންނާއެކު ސޮއިކުރުން މަޑުޖައްސާލަން މިނިސްޓްރީން އެންގީ، ލިސްޓުގައި ބައެއް ނާއިންސާފު ކަންކަން ހިނގާފައިވާކަން ފާހަގަކުރެވުމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ލިސްޓުން ބައެއް މީހުންނާއެކު ސޮއިކުރުން މަޑުޖައްސާ އެންގީ ސިޔާސީ ކަމެއްގައެއް ނޫން. ބަޔަކު އުނިކުރާކަށްވެސް ނޫން. ސަރުކާރުން ބަޔަކަށް ދޭން ކަނޑައަޅާ ގެޒެޓުކޮށްފައި އޮތް ލިސްޓެއްގެ، ބައެއްގެ ޙައްގުތައް ޙިމާޔަތްކުރަން ކުރި ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު މިނިސްޓަރު މުއްޠަލިބް ވިދާޅުވީ، މާކްސް ދީފައިވާ ގޮތަށް ބަލާއިރު 76 އިން މަތިން ޕޮއިންޓް ލިބުނު އެންމެނަށް ފްލެޓް ލިބެންޖެހޭ ކަމަށެވެ. ނަމަވެސް، ކުރީ ސަރުކާރުން ލިސްޓް އެކުލަވާލި އިރު 76 މާކްސް ލިބުނު 325 މީހަކަށް ފްލެޓް ކަނޑަނާޅައި، 75 މާކްސް ލިބުނު 315 މީހަކަށް ފްލެޓް ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. އުސޫލެއްގެ ގޮތުން 75 މާކްސް ލިބުނު މީހުންގެ މެދުގައި ފްލެޓް ބަހަން ޖެހޭނީ ގުރުއަތުލައިގެންނެވެ.

ސަރުކާރުން އައު ލިސްޓެއް ނުނެރުމަށް ނިންމީ، އޭގެ ސަބަބުން ފްލެޓްތައް ނިމޭއިރުވެސް މީހުންނަށް ނުވަދެވި ލަސްވުމާއި، ފްލެޓް ލިބުނު މީހުންގެ ޙައްގުތަކަށް އުނިކަން އައުމުގެ އިތުރުން ދައުލަތަށް ލިބިދާނެ ގެއްލުމަކަށް ބަލައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފިޔަވަޅު އަޅާފައިވާނީ ޝަރުތު ހަމަނުވާކަން ލިޔެކިޔުންތަކުން ކަށަވަރުވާ މީހުންނަށް އެކަނި ކަމަށާއި، އެއްވެސް ގޯހެއް ނެތް ނަމަ އެންމެނަށް ފްލެޓް ދޫކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

މީގެ އިތުރުން، މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުން އެއް ޞަފުހާގެ އެގްރިމެންޓެއްގައި ސޮއިކުރަން ފެށީ ވެރިކަން ބަދަލުވާން އެންމެ ދެ ދުވަހަށް ވެފައި ވަނިކޮށް ކަމަށެވެ. އަދި އޭރު ފްލެޓްތަކުގެ އުމްރާނީ މަސައްކަތުގެ ނިމިފައިވަނީ އެންމެ 30 އިންސައްތަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު