ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު-
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވައި، އެކަމުގައި މިނިވަން ތަހުގީގެއް ހިންގުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ގޮވާލައްވައިފިއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ، ރައީސް މުއިއްޒުއާ ދެމެދު ސިޔާސީ ގޮތުން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، އެމަނިކުފާނުގެ ޒާތީ އަބުރާއި ނަފްސަށް ހަމަލާދިނުމަކީ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ. އެހެންނަމަވެސް، ދިމިގްރާތީ އުސޫލުތަކުގެ ތެރެއިން ކޮންމެ ބާވަތެއްގެ ތުހުމަތަކަށްވެސް ފުރިހަމަ ސަމާލުކަން ދީ ތަހުގީގު ކުރަންޖެހޭނެ ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ މަޝްހޫރު "މީޓޫ" ހަރަކާތާއި، ޕްރިންސް އެންޑްރޫ އަދި ޖެފްރީ އެޕްސްޓީން ފަދަ ނުފޫޒުގަދަ މީހުންގެ މައްސަލަތަކަށް އިޝާރާތް ކުރައްވަމުން ޑރ. ޖަމީލް ވިދާޅުވީ، ބާރުގަދަ މީހުންގެ އަތްދަށުވެ ޒުވާނުންނާއި ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިދާނެކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ މައްޗަށް މިކުރެވޭ ތުހުމަތުތަކަކީ ބީރައްޓެހި ފަރާތަކުން ކުރާ ތުހުމަތުތަކެއް ނޫން ކަމަށާއި، އެއީ އެމަނިކުފާނުގެ އަމިއްލަ މަސައްކަތުގެ މާހައުލުގައި އުޅުނު ފަރާތަކުން ކުރާ ތުހުމަތުތަކެއްކަން ވެސް ޖަމީލް ފާހަގަކުރެއްވިއެވެ.



މި މައްސަލައިގައި ތުހުމަތުކުރާ ޒުވާން އަންހެން މީހާގެ އަގުވައްޓާލައި ކުށްވެރި ކުރުމަށް އަވަސްވެނުގަތުމަށް އިލްތިމާސް ކުރަށްވަމުން ޖަމީލް ވިދާޅުވީ، މަގާމުގައި ހުންނެވި ރައީސަކާ ދެކޮޅަށް ތެދުވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި ގިނަ އިސްލާމީ ގައުމުތަކުގައި މިފަދަ ތުހުމަތުތަކުން ދިފާއުވުމަށް "އަބުރާ ބެހުމުގެ ދައުވާ" އަކީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރާ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

ހަމައެއާއެކު ޑރ. ޖަމީލް ވިދާޅުވީ، މި މައްސަލައިގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހަނުތިބޭތީ ހައިރާންވާ ކަމަށެވެ. އަދި ރައީސް މި ސީރިއަސް ތުހުމަތުތަކުން ބަރީއަވުމަކީ އުންމީދެއް ކަމަށާއި، ނަމަވެސް އެކަން ކުރަންވާނީ ނޫސްވެރިކަމަށް ހަމަލާދީގެން ނުވަތަ އެ މައްސަލަ ފެންމަތިކުރި ނޫހުގެ އެޑިޓަރާއި ވެރިޔާގެ ކިބައިން ބަދަލުހިފުމުގެ ރޫހެއްގައި ނޫން ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

"މިހާތަނަށް ފެންނަ ނިޝާންތަކުން ދޭހަވަނީ، މިނިވަން މުސްތަގިއްލު ތަހުގީގަކަށް ފުރުސަތު ދިނުމުގެ ބަދަލުގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މި ތުހުމަތުތައް އޮއްބާލަން ނުވަތަ ފޮރުވަން މަސައްކަތްކުރާ ކަމެވެ." ޑރ. ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ ރިޔާސީ މަތިވެރި މަގާމުގެ ހައިބަތު މިފަދަ ތުހުމަތުތަކަށްވުރެ މަތިވެރިވާންޖެހޭނެ ކަމަށާއި، ބަދުއަޚުލާގީ އަމަލެއް ހިންގާފައިވާނަމަ އާންމު ރައްޔިތެއް ފަދައިން، ރައީސްވެސް ޖަވާބުދާރީވާންޖެހޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު