މިމަހު ކެބިނެޓުން އިސްތިއުފާ ދެއްވި ވަޒީރުން-
މިމަހު ކެބިނެޓުން އިސްތިއުފާ ދެއްވި ވަޒީރުން-
ސަރުކާރުގެ ކެބިނެޓުން ވަކިކުރި ކޮންމެ މިނިސްޓަރަކީ އެ ބޭފުޅެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ ޕާފޯމަންސް ދަށްވެގެން ވަކިކުރި ބޭފުޅެއް ނޫން ކަމަށާއި، އެއީ ސަރުކާރުގެ ސައިޒު ކުޑަކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ސިޔާސީ މަގާމުތައް މަދުކުރުމުގެ މަސައްކަތް ވަރަށް ސާފުކޮށް ކުރިއަށްދާ ކަމަށެވެ. މިގޮތުން މިނިސްޓްރީތަކުގެ އަދަދު މަދުކޮށް، ބައެއް ވަޒީރުން ވަކިކުރެއްވީ އެ ބޭފުޅުންގެ މަސައްކަތް ގޯސްވެގެން ނޫން ކަމަށާއި، އޭގެ ތެރޭގައި ވަރަށް ހިދުމަތްތެރި އަދި ގާބިލު ބޭފުޅުން ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

"ކޮންމެ ބޭފުޅަކު ވަކިކުރީކީ ޕާފޯމަންސް ދަށްވެގެންނެއް ނޫން. ހަމަ ވަރަށް ރަނގަޅަށް މަސައްކަތް ކުރި ބޭފުޅުންވެސް އެބަ ތިބި. އެހެންނަމަވެސް ސަރުކާރުގެ ސައިޒު ކުޑަކޮށް، ސަރުކާރު މަސައްކަތް ކުރަމުންދާ ގޮތް ބަދަލުކުރުމަށްޓަކައި އަޅުގަނޑު ނިންމި ބަދަލުތަކެއް އެއީ،" ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، ކުރީގެ ވަޒީރުން ކަމަށްވާ އާދަމް ޝަރީފް އުމަރާއި ތޯރިގު އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަނު ކުރެއްވުމާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެއީ އިތުރަށް އުފެއްދެވި މަގާމުތަކެއް ނޫން ކަމަށެވެ. އެމަނިކުފާނު ތަފްސީލުކޮށްދެއްވި ގޮތުގައި އެ ބޭފުޅުންނަކީ ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށް ކަނޑައަޅާ ހައި ކޮމިޝަނަރުންނާއި އެމްބެސެޑަރުންގެ ގޮތުގައި ފޮނުއްވުމަށް ހަމަޖެހިފައިވާ ބޭފުޅުންނެވެ.

"ޑިޕްލޮމެޓިކް ޕްރޮސީޖާ ނުވަތަ ޕްރޮޓޮކޯލް އޮންނަ ގޮތުން ވަކި މަރުހަލާތަކެއް ފުރިހަމަކުރަން ޖެހޭ. އައްޔަނު ކުރަން ހުށަހަޅާ ގައުމުން އެ ބޭފުޅަކު ގަބޫލުކުރުމާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރުން ފަދަ ކަންކަން ކުރިއަށްދާއިރު، އެ ބޭފުޅުން މިވަގުތު ތިއްބެވީ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައި. އެ ގައުމުތަކުން 'ގޯ އަހެޑް' ލިބުމުން އެމްބެސެޑަރުންގެ ގޮތުގައި އައްޔަނުކުރުން ކުރިއަށްދާނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ކުޑަކުރުމަށް ނިންމި ނިންމުން ވަރަށް ހަރުކަށިކޮށް ތަންފީޒު ކުރައްވާނެ ކަމަށެވެ. އެގޮތުން މިހާރުވެސް ފަސް މިނިސްޓްރީއެއް މަދުކޮށްފައިވާ ކަމަށާއި، ކޮންމެ މިނިސްޓްރީއެއްގައި ތިބޭނެ ސިޔާސީ މުވައްޒަފުންގެ އަދަދު ކަނޑައަޅައި، މުވައްޒަފުން މަދުކުރުމުގެ އިދާރީ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުވައްޒަފުން ވަކިކުރުމުގައި ބަލާނެ މިންގަނޑުތަކާ ބެހޭގޮތުން ރައީސް ވިދާޅުވީ، އެކަން ކުރާނީ "ޕާފޯމެންސް ބޭސްޑް" ކޮށް ކަމަށެވެ. އެގޮތުން ގަޑިއަށް ހާޒިރުވުމާއި، މަސައްކަތުގެ އަހުލާގާއި، މަސައްކަތް ކުރާ ފެންވަރަށް ބަލާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ޕްރޮސެސް ނިމުމުން ސިޔާސީ މަގާމުތަކުން ވަކިކުރާ މީހުންގެ އަދަދުތައް ހާމަކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު