އިންސާނާގެ ހަށިގަނޑުގެ އެކި މަސައްކަތްތައް ތަރުތީބުކޮށް ބެލެހެއްޓުމުގައި ހޯރމޯންތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ހާއްސަކޮށް އަންހެނުންގެ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ހޯރމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ސިއްހަތަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. ގިނަ ފަހަރަށް ހޯރމޯންތަކަށް ބަދަލެއް އަންނަކަން ދެނެގަނެވެނީ މައްސަލަ ވަރަށް ބޮޑުވާ ފަހުންނެވެ. ނަމަވެސް، ނިއުޓްރިޝަނިސްޓުން ފާހަގަކުރާ ގޮތުގައި، ހަށިގަނޑުން ދޭ ވަރަށް ކުދިކުދި ސިގްނަލްތަކަކަށް ސަމާލުކަން ދީފިނަމަ މި މައްސަލަ ކުރިއާލާ ދެނެގަނެވިދާނެއެވެ.

ނިއުޓްރިޝަނިސްޓުން ފާހަގަކުރާ ގޮތުގައި، ހޯރމޯން އިންބެލެންސް ނުވަތަ ހޯރމޯންތަކުގެ މިންވަރު ހުންނަންޖެހޭ މިންވަރަށްވުރެ ބަދަލުވުމުގެ އެންމެ ފުރަތަމަ ނިޝާނަކީ، ގިނަ ބަޔަކަށް އާދައިގެ ކަމެއްގެ ގޮތުގައި ފެންނަ "ހެނދުނުގެ ވަގުތުތަކުގައި ވަރުބަލިކަން އިހުސާސްވުން" ނުވަތަ "މޯނިންގ ފަޓީގް" އެވެ. ރޭގަނޑު ހަމަ ނިދި ލިބުނު ކަމުގައި ވިޔަސް، ހެނދުނު ހޭލާއިރު ތާޒާކަން އިހުސާސް ނުވުމާއި، ދުވަސް ފެށުމަށް ބޭނުންވާ ހަކަތަ ހަށިގަނޑުގައި ނެތްކަމަށް އިހުސާސްވުމަކީ ހޯރމޯންތަކަށް ބަދަލު އަންނަން ފަށާފައިވާ ކަމުގެ ވަރުގަދަ ނިޝާނެކެވެ. މީގެ އިތުރުން، ނިދުމުގެ އާދަތަކަށް ބަދަލު އައުމާއި، ރޭގަނޑު ދަންވަރު ހޭލެވުމަކީ ވެސް މީގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި މައްސަލަ ދިމާވާން މެދުވެރިވާ މައިގަނޑު ސަބަބަކީ ހަށިގަނޑުގެ "ކޯޓިޒޯލް" ލެވެލް ނުވަތަ ސްޓްރެސް ހޯރމޯން ހުންނަންޖެހޭ މިންވަރަށްވުރެ މަތިވުން ނުވަތަ ދަށްވުމެވެ. އާންމު ގޮތެއްގައި ހެނދުނު ހޭލާއިރު ކޯޓިޒޯލް ހުންނަންވާނީ އެންމެ މަތީ މިންވަރުގައެވެ. ނަމަވެސް، ހޯރމޯންތަކަށް ބަދަލު އައުމުން ހެނދުނު މި މިންވަރު ދަށްވެ، ރޭގަނޑު ނިދާ ގަޑީގައި މަތިވާގޮތް ދިމާވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރޭގަނޑު ނިދަން އުނދަގޫވުމާއި، ހެނދުނު ހޭލާއިރު ވަރުބަލިކަން އިހުސާސް ކުރަންޖެހެއެވެ.

ހޯރމޯން އިންބެލެންސްވުމުގެ ސަބަބުން ފެންނަ އެހެނިހެން ނިޝާންތަކުގެ ތެރޭގައި، މާ ގިނައިން ފޮނި އެއްޗެހި ނުވަތަ ކެފޭއިން އެކުލެވޭ ބުއިންތަކަށް ބޭނުންވުން ހިމެނެއެވެ. ވަރުބަލިކަން ފިލުވައިލުމަށްޓަކައި ގިނަ އަންހެނުންނަށް ކޮފީ ނުވަތަ ހަކުރު ގިނަ ކާނާއަށް ބަރޯސާވެވެއެވެ. މިއީ ވަގުތީ ގޮތުން ހަކަތަ ލިބުނު ކަމުގައި ވިޔަސް، ދިގު މުއްދަތުގައި ހޯރމޯންތަކުގެ މައްސަލަ އިތުރަށް ގޯސްކޮށްލާ ކަމެކެވެ.

މި މައްސަލައިން ސަލާމަތްވުމަށްޓަކައި ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެނައުމަކީ މުހިންމު ކަމެކެވެ. އެގޮތުން، ހެނދުނު ހޭލާ ގޮތަށް ގުދުރަތީ އަލި ނުވަތަ އިރުގެ އަލި ލިބޭނެ ގޮތް ހެދުމަކީ ހަށިގަނޑުގެ ބަޔޮލޮޖިކަލް ގަޑި ތަރުތީބުކޮށްދޭ ކަމެކެވެ. އަދި ހެނދުނުގެ ނާސްތާގައި ޕްރޮޓީން ހިމެނުމާއި، ކެފޭއިން ބޭނުންކުރާ މިންވަރު މަދުކުރުމަކީ ހޯރމޯންތައް ހަމަހަމަކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ.

ހަށިގަނޑުން ފެންނަ ކުދިކުދި ބަދަލުތަކަކީ ހަށިގަނޑުގެ އެތެރޭގެ ނިޒާމުތަކަށް އަންނަ ބޮޑެތި ބަދަލުތަކުގެ ފެށުން ކަމުގައި ވެދާނެއެވެ. އެހެންކަމުން، ހެނދުނު ހޭލާއިރު އިހުސާސްވާ ވަރުބަލިކަމަކީ ހަމައެކަނި ނިދި މަދުވުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ބަލައި އިހުމާލު ނުވެ، އެއީ ހޯރމޯންތަކުގެ މައްސަލައަކަށް ވެދާނެކަމަށް ބަލައި ސިއްހީ މާހިރެއްގެ ލަފާ ހޯދުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު