އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޯޒޭނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޯޒޭނާ އާދަމް
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމާއި މާޒީގައި ދެކެވިފައިވާ ހިތްދަތި ވާހަކަތަކާ ގުޅޭގޮތުން އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒޭނާ އާދަމް މުހިންމު ވާހަކަތަކެއް ހިއްސާކުރައްވައިފިއެވެ.

އެކްސް ގައި އާންމުވި ވީޑިއޯއަކާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ރޮޒޭނާ ވިދާޅުވީ، މާޒީގެ ވާހަކަތަކަށް އެނބުރި ބަލަން ހުރުމަކީ ކުރިއަށް ދިއުމަށް އޮތް ހުރަހެއް ކަމަށާއި، މިހާރު ބޭނުންވަނީ އެ ހުރިހާ ކަމެއް ހަނދާން ނައްތާލައި ޕާޓީގެ ކުރިމަގަށްޓަކައި އެންމެން އެކަތިގަނޑަކަށް ވުމަށް ކަމަށެވެ.





ރޮޒޭނާ ފާހަގަކުރެއްވި ގޮތުގައި، ރައީސް ނަޝީދު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތް ދުވަހު ބޭއްވި ޖަލްސާއަށް އޭނާ ވަޑައިގަތީ ވެސް ޕާޓީ އަލުން އެކަތިގަނޑަކަށް ވާތަން ދެކުމުގެ އުންމީދުގައެވެ.

ކޮންމެ ފަރާތަކުން ވާހަކަ ދެއްކި ނަމަވެސް، ހިތްދަތިވާނެ ފަދަ އެތައް ވާހަކައެއް ދެކެވިފައި ހުރިކަން ގަބޫލުކުރައްވަމުން ރޮޒޭނާ ވިދާޅުވީ، މިއަދު އެ ބާޒީތައް އަލުން ކުޅެގެން ޕާޓީއަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް ކަމަށެވެ.

އެހެންކަމުން، ނެގެޓިވިޓީ ފެތުރުން ހުއްޓާލައި، ރީތި ކެމްޕޭނެއް ކުރުމަށާއި، ޕާޓީ ބަދަހިކުރަން މަސައްކަތް ކުރުމަށް އޭނާ ވަނީ ރައީސް ނަޝީދާއި މީކާއީލް އަށް އަދި އެބޭފުޅުންނަށް ތާއީދުކުރާ ފަރާތްތަކަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ރޮޒޭނާ ވިދާޅުވީ، ރައީސް ނަޝީދު އެމްޑީޕީއާ ވަކިވުމުން އެމަނިކުފާނަށް ވެސް އަދި ޕާޓީއަށް ވެސް ލިބުނު މޮޅެއް ނެތް ކަން މިއަދު ހަގީގަތުން ފެންނަން އޮތް ކަމަށެވެ.

އެހެންކަމުން، މާޒީގައި ދެކެވިފައިވާ ބަސްތަކާއި ހިތްހަމަނުޖެހުންތަކަށް އެންމެންނަށް މާފުކޮށްފައިވާ ކަމަށާއި، އެއީ އޭރުގެ ހާލަތުން ދެކެވުނު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ އަމާޒަކީ ޕާޓީ ބަދަހިކޮށް ކުރިއަށް ދިއުން ކަމަށް ވިދާޅުވެ، ރޮޒޭނާ ވަނީ ކެމްޕޭނުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ވެސް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު