ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ހައްދުފަހަނައެޅި ވަޒަންވެރިން ހިންގަމުންދާ އަނިޔާވެރި އަމަލުތައް
ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ހައްދުފަހަނައެޅި ވަޒަންވެރިން ހިންގަމުންދާ އަނިޔާވެރި އަމަލުތައް
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ހައްދުފަހަނައެޅި ވަޒަންވެރިން ހިންގަމުންދާ އަނިޔާވެރި އަމަލުތައް މި ހަފުތާގައި އިންތިހާއަށް އިތުރުވެފައިވާ ކަމަށް "ޒެޓޭއޯ" އިން ރިޕޯޓުކޮށްފިއެވެ.

މި ހަމަލާތަކުގައި ފަލަސްތީނުގެ އާންމުންގެ އެތައް ބަޔަކު ޝަހީދުވެ، ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، މީގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަން އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ވަޒަންވެރިންގެ މި ހަމަލާތައް އަމާޒުވެފައިވަނީ މީހުން ދިރިއުޅޭ ގެދޮރަށާއި، ދަނޑުބިންތަކުގެ އިތުރުން މަގުމަތިން ދަތުރުކުރާ އާންމު އުޅަނދުފަހަރަށް ކަމަށް މައުލޫމާތު ލިބެއެވެ.

މި ހަފުތާގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާގައި، ވަޒަންވެރިން ވަނީ ފަލަސްތީނުގެ އަވަށަކަށް ވަދެ މީހުންގެ ގެދޮރާއި މުދަލުގައި ހުޅުޖަހާފައެވެ.

އަދި ބައެއް ސަރަހައްދުތަކުގައި ފަލަސްތީނުގެ ދަނޑުވެރިންނަށް ބިރުދައްކައި، އެމީހުންގެ ޒައިތޫނި ގަސްތައް ކަނޑައި، ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނު ވަނީ ފޭރިގެންފައެވެ.

މީގެ އިތުރުން، އިޒްރޭލުގެ އަސްކަރިއްޔާގެ ހިމާޔަތުގައި ތިބެ ވަޒަންވެރިން ދެމުންދާ މި ހަމަލާތަކުގެ ސަބަބުން، ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ބިރުވެރިކަން ވަނީ އުފެދިފައެވެ.

އދ. އިން ހާމަކުރި ގޮތުގައި، މިއަހަރުގެ މިހާތަނަށް ވަޒަންވެރިންގެ ހަމަލާތަކުގައި ފަލަސްތީނުގެ 15 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

އަދި މިފަދަ ހަމަލާތައް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ހަ ހާދިސާއަށްވުރެ ގިނަވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ބައިނަލްއަގުވާމީ މުޖުތަމައުން މި އަމަލުތައް ކުށްވެރިކުރަމުންދާއިރު، އިޒްރޭލު ސަރުކާރުން މިފަދަ ހަރުކަށި ވަޒަންވެރިންނަށް ހިތްވަރުދީ، އެމީހުން ކުރާ ކުށްތަކަށް އަދަބު ނުދޭކަން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

މި ނުރައްކާތެރި ހާލަތާ ގުޅިގެން، ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ގޮވާލާފައެވެ.

ވަޒަންވެރިންގެ މި އަނިޔާވެރިކަމަކީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުމަށް ހިންގާ ނިޒާމީ މަސައްކަތެއްގެ ބައެއްގެ ގޮތުގައި "ޒެޓޭއޯ" ގެ ރިޕޯޓުގައި ސިފަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް