ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް
އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން، ރޭ ބޭއްވި އެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ވަރުގަދަ އިންޒާރުތަކެއް ދީފިއެވެ.

މި އެއްވުމުގައި ވާހަކަދެއްކި އުމުރުން ދުވަސްވީ ބައިވެރިއަކު ވަނީ، މިހާރުގެ ސަރުކާރުން ހިންގަމުންދާ ކަމަށް ބުނާ ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތަކަށް ރައީސް މުއިއްޒު އިންތިހާއަށް ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އަންނާނެކަން ހަނދާންކޮށްދީފައެވެ.

އޭނާ ފާހަގަކުރި ގޮތުގައި، ގައުމުގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުންނަވައިގެން ރައީސް ކުރައްވާ ކަންކަމަކީ ގައުމުގެ އިގްތިސާދާއި އާންމު މަސްލަހަތަށް ހުރި ނުރައްކަލެކެވެ.

އެ މީހާގެ ވާހަކައިގައި ބޮޑަށް އަލިއަޅުވާލީ، ރައީސް މުއިއްޒު މިހާރު ހުންނެވީ ގާނޫނީ ގޮތުން މަގާމުން ވަކިވާންޖެހޭ ފަދަ ނާޒުކު ދެ ހާލަތެއްގައި ކަމަށެވެ. އެއީ ރައީސްކަމުގެ މުގައްދަސް ހުވަޔާ ހިލާފުވުމާއި، ދައުލަތް ހިންގުމުގެ މައި ތަނބު ކަމަށްވާ ގާނޫނުއަސާސީގެ އިންތަކުން ބޭރުވުމެވެ.

ގާނޫނުއަސާސީއަކީ ރައީސަށް ބޭނުންހާ ގޮތެއް ހެދޭނެ އެއްޗެއް ނޫންކަން ފާހަގަކުރަމުން، އެއީ ރައްޔިތުންގެ ބައިވެރިވުމާއެކު ގައުމު ހިންގުމަށް އެކުލަވާލާފައިވާ އެންމެ މަތީ ގާނޫނު ކަމަށާއި، އޭގެ ހުރުމަތް ކެނޑުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން، ރައްޔިތުންގެ ބުރަ މަސައްކަތުން ދައްކާ ޓެކްސް ފައިސާ އަށް ރައީސް ހިޔާނާތްތެރިވަމުންދާ ކަމަށް ތުހުމަތުކޮށް، ދައުލަތުގެ ބައިތުލްމާލަކީ ރައީސް ބޭނުންފުޅުވާހާ ގޮތަކަށް ހޭދަކުރަން ހުރި އަމިއްލަ ފައިސާ ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

އެމްޑީޕީގެ މައި ޖަގަހަ ސަރަހައްދުގައި ކޮންމެ ރޭގަނޑެއްގެ ބާއްވަމުންދާ މި މުޒާހަރާތަކަކީ، ސަރުކާރުގެ ނާގާބިލުކަމާއި ހިޔާނާތުގެ އަމަލުތަކާ ދެކޮޅަށް އާންމުންގެ ހިތްހަމަނުޖެހުން އިންތިހާއަށް ބޮޑުވަމުންދާކަން ހާމަވާ ހަރަކާތްތަކެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. އަދި އެމްޑީޕީގެ އިތުރުން ޕީއެންއެފުންވެސް ދަނީ ކޮންމެ ރެއަކު މުޒާހަރާ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް