އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ރޭގެ ވަގުތެއްގައި މަގުމަތިން ދިން ހަމަލާ ކުށްވެރިކުރައްވައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވެސް އެހަމަލާ ކުށްވެރިކުރައްވައި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޫސަ ވިދާޅުވީ، ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ދޭންޖެހޭނެ ކަމަށާއި، ސިޔާސީ މީހަކު ކުރިއަރައިދަނީ ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބިގެން ކަމަށެވެ.





މޫސަގެ ޕޯސްޓުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ މެންބަރުންނަށް އަނިޔާދީގެން އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކެއް ނުހުއްޓުވޭނެއެވެ. އަދި އެމްޑީޕީގެ މާޒީއަށް ބަލައިލުމުން އެކަން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ ބޮޑުރަސްގެފާނު މަގުން ގަލޮޅު ސަހަރާ ކައިރިން މުޒާހަރާގެ ބައިވެރިން ހިނގާފައި ދަނިކޮށް، ކުއްލި ގޮތަކަށް މީހަކު މުޒާހަރާގެ ތެރެއަށް ވަދެގަނެގެންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މަގުމަތީގައި މަޑުކޮށްލައިގެން ހުރި ޒުވާނަކު ވަނީ އާޒިމްގެ ގައިގައި އަތްލައި ކޮށްޕާލާފައެވެ. ނަމަވެސް، އެ ވަގުތު މުޒާހަރާގެ ބައިވެރިން ވަނީ ވަގުތުން އާޒިމްގެ ދިފާއުގައި ނުކުމެފައެވެ.

މޭޔަރު އާޒިމަށް ދިން މި ހަމަލާއާ ގުޅިގެން ސިޔާސީ ދާއިރާގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު