މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
ރާއްޖޭގެ އިގްތިސާދީ ހާލަތާއި ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަށްވައިފިއެވެ.

މީސްމީޑިއާ މެދުވެރި ކުރަށްވައި ނަފާ ނަސީމް ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، މި ސަރުކާރުގެ ބައެއް ތަޖުރިބާތައް ފޭލިވެފައިވާ ކަމަށް ބުނެވިދާނެ ކަމަށެވެ. އެގޮތުން އައު ނަންނަމުގައި އުފެއްދި ގިނަ ވުޒާރާތަކުން ބޭނުންވި ނަތީޖާ ނެރެވިފައި ނުވާކަމަށް ނަސީމް ވިދާޅުވިއެވެ. އަދި ދައުލަތަށް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގައި ނުކުޅެދުންތެރިކަން ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިގްތިސާދު ސިންދަފާތު (ޑައިވަރސިފައި) ކުރުމުގެ ބަހަނާގައި ޓެކްސް ބޮޑުކުރި ނަމަވެސް، އަމަލީ ގޮތުން އެފަދަ އެއްވެސް ބަދަލެއް މިހާތަނަށް ފެންނަން ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މި ވަގުތަކީ ރާއްޖޭގެ އިގްތިސާދަށް ނުހަނު ނާޒުކު (ކްރިޓިކަލް) ވަގުތެއްކަން ފާހަގަކުރަށްވަމުން ނަސީމް ވިދާޅުވީ، ސަރުކާރުން އެކި ގޮތްގޮތުން ލޯނުތައް ދައްކަމުން ދިއުމަކީ ރަނގަޅު ކަމެއް ނަމަވެސް، އާމްދަނީ އިތުރުވާނެ ފަދަ އުފެއްދުންތެރި މަސައްކަތްތަކެއް ނުފެނުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

"ޚަރަދު މައްޗަށް ޚަރަދު ބޮޑުވަމުންދާއިރު، ރާއްޖޭގެ އެތެރޭގެ ދަރަނި ދަނީ އިންތިހާއަށް އިތުރުވަމުން. އެންމެ ބޮޑު ކަންބޮޑުވުމަކީ ނޮން-ޕާފޯމިންގ އަދި ނޮން-ޕްރޮޑަކްޓިވް ސިޔާސީ ލޯނުތައް ގިނަވަމުންދިއުން." ނަފާ ނަސީމް ވިދާޅުވެފައިވެއެވެ.



ނަސީމް މިހެން ވިދާޅުވެފައިވާއިރު، އިގްތިސާދީ މާހިރުން ދެކޭގޮތުގައި، އުފެއްދުންތެރިކަމެއް ނެތް ސިޔާސީ ބޭނުންތަކަށް ނަގާ ލޯނުތަކާއި، އަނބުރާ ނުލިބޭނެ ފަދަ "ނޮން-ޕާފޯމިންގ" ލޯނުތައް އިތުރުވުމަކީ ދައުލަތުގެ މާލީ ނިޒާމަށް އޮތް ބޮޑު ނުރައްކަލެކެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައި، 23 އެޕްރީލް 2026 ގައި ރާއްޖޭން އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުމަށްޓަކައި ހަމަ އެ ދުވަހު އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން އިންޑިއަން ރޫޕީސްގެ އާ ފެސިލިޓީއެއް ރާއްޖެއަށް ހަމަޖައްސައިދީފައެވެ.



ކިޔުންތެރިންގެ ހިޔާލު