މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ޙާލަތާއި ދަރަނި މެނޭޖްކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އައްބާސް މިއަދު މީސްމީޑިއާގައި ވިދާޅުވީ، މިހާރުގެ ސަރުކާރަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ވެރިކަން ކުރަން ނޭނގި ވެރިކަން ކުރާ އެންމެ ނާޤާބިލު ސަރުކާރު ކަމަށެވެ. އޭނާ މިހެން ވިދާޅުވީ ރާއްޖެއިން އިންޑިއާ ސަރުކާރަށް ދައްކަންޖެހޭ ލޯނުތަކެއް ދެއްކުމުގައި އަމަލުކުރި ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

އައްބާސް ވިދާޅުވީ، އިންޑިއާ ސަރުކާރުން ކުރިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ލޯނު ނުދެއްކި، ރާއްޖެ ބެންކްރަޕްޓުވާ (ދަރަނިވެރިވާ) ހާލަތަށް ދިއުމުން، އެ ލޯނު ދެއްކުމަށްޓަކައި އިންޑިއާއިން އަލުން 319 މިލިއަން ޑޮލަރުގެ ލޯނެއް ނެގީ ވަކި ޝަރުތުތަކެއްގެ މަތިންކަމަށެވެ.

"އިންޑިއާއިން 319 މިލިއަން ޑޮލަރުގެ ލޯނު ދިނީމައި، އެ ފައިސާއިން ކުރީގެ 400 މިލިއަން ޑޮލަރުގެ ލޯނު ދައްކާފައި މި ބުނަނީ ރައީސް ޑރ. މުޢިއްޒު ލޯނު ދައްކައިފިއޭ. މިއީ ލޯނު ދައްކަންވެސް ލޯނު ނެގުން." އައްބާސް ވިދާޅުވިއެވެ.



މީގެ އިތުރުން، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭނަށް އިޝާރާތް ކުރަށްވައި އައްބާސް ވަނީ ސަރުކާރަށް ޖޯކު ޖައްސަވާފައެވެ.

"އަދިވެސް ގިނަގިނައިން އިންޑިއާ އައުޓު ގޮވަމުން ދުވާތި." އައްބާސް ވިދާޅުވެފައިވެއެވެ.

އައްބާސް މިހެން ވިދާޅުވެފައިވާއިރު، 23 އެޕްރީލް 2026 ގައި ރާއްޖޭން އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުމަށްޓަކައި ހަމަ އެ ދުވަހު އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން އިންޑިއަން ރޫޕީސްގެ އާ ފެސިލިޓީއެއް ރާއްޖެއަށް ހަމަޖައްސައިދީފައެވެ.



އެކަމާ ގުޅިގެން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ދަރަނި ދައްކަންޖެހޭ ދުވަހު އާ ފަންޑިންއެއް ހަމަޖެހިގެން ދިއުމަކީ ބައިނަލްއަގުވާމީ މާލީ މުއާމަލާތްތަކުގައި ގައުމުތަކުން އާންމުކޮށް "ސްވޮޕް ރޯލްއޯވަރ" ކުރާ ގޮތް ކަމަށާއި، މިއީ ކުރީގެ ދަރަނި އާ ދަރަންޏަކުން ބަދަލުކުރުމުގެ އިގްތިސާދީ އުސޫލެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު