ރީޖަނަލް ހޮސްޕިޓަލެއް
ރީޖަނަލް ހޮސްޕިޓަލެއް
ޑެންގޫ ހުން ޖެހިގެން ހާލު ދެރަވެ، ފަރުވާ ދެމުން ދަނިކޮށް އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ ކަމަށް ސިއްހީ އިދާރާތަކުން ކަށަވަރުކޮށްދީފިއެވެ.

މި ކުއްޖާ ނިޔާވެފައިވަނީ މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ހުން އައިސްގެން އެ ކުއްޖާ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ކުއްޖާ ނިޔާވީ ޑެންގޫ ހުމުގެ ސަބަބުން ކުރިމަތިވި ސިއްހީ އިތުރު އުނދަގޫތަކާއި (ކޮމްޕްލިކޭޝަންސް) ގުޅިގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިއީ ފާއިތުވި ދެ ހަފްތާގެ ތެރޭގައި ޑެންގޫ ހުން ޖެހިގެން ރާއްޖެއިން ނިޔާވި ދެވަނަ ފަރާތެވެ. މީގެ ދެ ހަފްތާ ކުރިން އުމުރުން 23 އަހަރުގެ ޒުވާނަކު ވެސް ވަނީ ޑެންގޫ ހުން ޖެހިގެން ނިޔާވެފައެވެ. އެ ޒުވާނާ ނިޔާވީ އިތުރު ފަރުވާއަށް މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑެންގޫ ހުން ފެތުރޭ މިންވަރު މި ދުވަސްވަރު އިތުރުވަމުންދާތީ، އެޗްޕީއޭ އިން ވަނީ މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، ރަށު ކައުންސިލްތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އާންމު ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް އެޗްޕީއޭ އިން ވަނީ ގޮވާލާފައެވެ.

ބަލިން ރައްކާތެރިވުމުގެ ގޮތުން މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި، މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އެޗްޕީއޭ އިން އިރުޝާދު ދެއެވެ. މީގެ އިތުރުން، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ ބަލީގައި ހާލު ދެރަވުން ހުއްޓުވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ އެޖެންސީން ފާހަގަކުރެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެކަނިވެސް ރާއްޖެއިން 535 ޑެންގޫ ކޭސް ރިޕޯޓްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓްކޮށްފައިވަނީ އެންމެ 60 ކޭސްއެވެ.



ކިޔުންތެރިންގެ ހިޔާލު