ދަނާލް
ދަނާލް
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ހޮސްޓެލްގައި ދަރިވަރަކު މަރުވެފައި އޮއްވާ ފެނުނު މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ތަހުގީގު ކުރަން ފަށައިފިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި އެމްއެންޔޫ ހޮސްޓެލްގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 18 އަހަރުގެ އަންހެން ދަރިވަރެކެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ކަންބޮޑުވުންތައް ފާޅުކުރަމުންދާއިރު، އެ ދަރިވަރަށް ބުލީ ކުރުމުގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި، މަރުވުމުގެ ކުރިން އެކި ފަރާތްތަކުގެ އެހީތެރިކަމަށް އެ ދަރިވަރު އެދިފައިވާ ކަމަށް ބުނާ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ.

މި މައްސަލައާ ގުޅިގެން އެޗްއާރުސީއެމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކޮމިޝަނުން މިހާރު މި މައްސަލައިގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅޭގޮތުން ކަށަވަރުނުވާ މައުލޫމާތާއި މަރުވި ދަރިވަރުގެ އަމިއްލަ މައުލޫމާތުތައް ހިއްސާ ނުކުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

"މި ހާދިސާއާ ގުޅިގެން ސައްހަ ނޫން މައުލޫމާތާއި އަމިއްލަ މައުލޫމާތު ފެތުރުމުން އެންމެހާ ފަރާތްތަކުން ދުރުހެލިވުމަށް ކޮމިޝަނުން އިލްތިމާސްކުރަން. އަދި މަރުވި ފަރާތުގެ ކަރާމާތަށް އިހުތިރާމް ކުރުމަށްވެސް ހުރިހާ ފަރާތްތަކަކަށް ބާރުއަޅަން." އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ.

މި ހާދިސާ ހިނގި ގޮތުގެ ތަފްސީލް ހިއްސާ ކުރަށްވަމުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވީ، އެ ދަރިވަރު ރޭގަނޑު ގާތްގަނޑަކަށް 8:40 ހާއިރު ފުލުހުންގެ 'ވިކްޓިމް ސަޕޯޓް' އަށް މެސެޖުތަކެއް ކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެ ދަރިވަރުގެ ފަރާތުން ފުލުހުންނަށް އެތައް މެސެޖެއް ފޮނުވާފައިވާ ކަމަށާއި، އެންމެ ފަހުން މެސެޖެއް ފޮނުވާފައިވަނީ ދަންވަރު 12:38 ގައި ކަމަށެވެ.

ފުލުހުން އެ ދަރިވަރު ހުރި ހޮސްޓެލަށް ދިޔައީ ދަންވަރު 1:08 ގައެވެ. އަދި 1:32 ހާއިރު ފުލުހުންނަށް އެ ކުއްޖާ އޮތް ކޮޓަރި ހޯދުނު އިރު، އެ ކުއްޖާ ފެނިފައިވަނީ މަރުވެފައި އޮއްވައެވެ.

މީގެ އިތުރުން، އެ ދަރިވަރަކީ މީގެ ކުރިންވެސް ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކެއް ތަހައްމަލު ކުރަމުންދިޔަ ކުއްޖެއް ކަމަށާއި، ކަމާބެހޭ އިދާރާތަކުން މީގެ ކުރިންވެސް އެ ކުއްޖާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ހާދިސާއަށް އާންމުންގެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވާއިރު، ކަމާބެހޭ އިދާރާތަކުން މިކަމުގައި އަމަލުކޮށްފައިވާ ގޮތް ބެލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު