ޕޭ ކޮމިޝަން
ޕޭ ކޮމިޝަން
ދައުލަތުގެ އިދާރާތަކުގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު، އާ ޕޭ ފްރޭމްވޯކަށް ހިޖުރަކުރި މުއައްސަސާތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރުމުގެ މަސައްކަތް ނޭޝަނަލް ޕޭ ކޮމިޝަނުން ފަށައިފިއެވެ.

ޕޭ ކޮމިޝަނުން ބުނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ނޭޝަނަލް ޕޭ ފްރޭމްވޯކަށް ސިވިލް ސަރވިސް އާއި ޝަރުއީ ދާއިރާގެ އިތުރުން ދައުލަތުގެ ބައެއް މިނިވަން މުއައްސަސާތައް ހިމެނޭހެން މިހާތަނަށް ޖުމްލަ 93 އިންސައްތަ އިދާރާއިން ބަދަލުވެފައިވާ ކަމަށެވެ.

މި ބަދަލާއެކު މުވައްޒަފުންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކާއި ފާހަގަކުރެވޭ މައްސަލަތައް ބަލައި، ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން އެކަންކަމަށް ހައްލެއް ހޯދުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޕޭ ކޮމިޝަނުން މަޢުލޫމާތު ދީފައިވެއެވެ.

ޕޭ ކޮމިޝަނުން މިހެން ބުނެފައިވާއިރު، ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ސިޔާސަތުގެ ދަށުން މިހާތަނަށް ސިފައިންނާއި ފުލުހުންގެ އިތުރުން، ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާ ފަދަ މުހިންމު ދާއިރާތަކުގެ މުސާރައަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

މިއަހަރުގެ މިހާތަނަށް އިތުރު 6 މުއައްސަސާއެއް އާ އޮނިގަނޑަށް ބަދަލުކޮށްފައިވާއިރު، މުސާރައިގެ ކުރިއެރުމެއް ނުލިބި ގިނަ ދުވަސްތަކެއް ވަންދެން ތިބި މުވައްޒަފުންގެ ދުވަސްވީ ކަންބޮޑުވުންތަކަށް މީގެ ސަބަބުން ނިމުމެއް އަންނާނެ ކަމަށް ޕޭ ކޮމިޝަނުން ވަނީ ބުނެފައެވެ.

އޭގެއިތުރުން ޕޭ ކޮމިޝަނުން ބުނީ، މިހާތަނަށް އާ ޕޭ ފްރޭމްވޯކަށް ބަދަލުނުވެ ތިބި މަދު މުއައްސަސާތައް ވެސް ވީހާވެސް އަވަހަކަށް މި ނިޒާމުގެ ތެރެއަށް ގެނައުމަށްޓަކައި ވާންޖެހޭ ފަންނީ ތައްޔާރީތައް ވަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު