ގދ. ތިނަދޫ, މަނާރު، މުހައްމަދު ނިޒާމް (ވ)
ގދ. ތިނަދޫ, މަނާރު، މުހައްމަދު ނިޒާމް (ވ)
މީގެ ދެ އަހަރު ކުރިން ތެޔޮ ބޯޓެއްގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓަން މޫދަށް ވައްޓާލައި މަރާލި މައްސަލާގައި، ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމްގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މިއީ ރާއްޖޭގެ ޝަރުއީ ތާރީޚުގައި، މަރާލި ކަމަށް ބުނާ މީހާގެ ހަށިގަނޑު ނުފެންނަނީސް މަރުގެ ދައުވާއެއް އުފުލައި ކުށް ސާބިތުވި ފުރަތަމަ މައްސަލައެވެ. މި ހާދިސާ ހިނގާފައިވަނީ 28 ސެޕްޓެމްބަރު 2022 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ފުރި ތެޔޮ ބޯޓެއްގައެވެ.

މި މައްސަލާގައި ދައުލަތުން ނިޒާމްގެ މައްޗަށް ތިން ދައުވާއެއް އުފުލިއެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި، ވައްކަމުގެ ދައުވާގެ އިތުރުން މަސްތުވާތަކެތީގެ މުއާމަލާތް ކުރުމުގެ ދައުވާއެވެ. ނަމަވެސް، މިއަދު ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ނިޒާމްގެ މައްޗަށް ސާބިތުވަނީ "އިންސާނެއްގެ ފުރާނައިގެ މައްޗަށް ފަރުވާލެއް ނެތި ކުރި އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ކުށް" ކަމަށެވެ.

ދައުލަތުން ތުހުމަތުކުރާ ގޮތުގައި، ނިޒާމް ލިޓަން މޫދަށް ވައްޓާލީ އޭނާގެ އަތުގައި ހުރި ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަތުމުގެ ބޭނުމުގައެވެ. ހެކިންގެ ބަހުން އެނގޭ ގޮތުގައި ލިޓަން ފުރުމުގެ ކުރިން 51000 ރުފިޔާ ނިޒާމްގެ އަތަށް ލިބިފައިވެއެވެ. އަދި އެއްބަސްވި މިންވަރަށް ފައިސާ ނުލިބޭތީ ލިޓަންއާ މެދު ނިޒާމްގެ ހިތުގައި އަދާވާތްތެރިކަން އޮތްކަން ތަހުގީގަށް ދީފައިވާ ބަޔާނުން އެނގޭ ކަމަށް ގާޒީ ފާހަގަކުރެއްވިއެވެ.

މި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު އިއްވެވި ހުކުމުގައި ބުނެފައިވަނީ، ލިޓަންއާއެކު ދަތުރުކުރި ކަމަށާއި، އޭނާ މޫދަށް ވައްޓާލި ކަމަށް ފުލުހުންގެ ގާތުގައި ނިޒާމް އަމިއްލައަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި 'ގަލުފަޅު' ކިޔާ ސަރަހައްދަށް ލިޓަން ވައްޓާލި ގޮތުގެ ތަފްސީލީ ބަޔާނެއް ނިޒާމް ދީފައިވާކަން ވެސް ގާޒީ ފާހަގަކުރެއްވިއެވެ.

ނިޒާމްގެ ފަރާތުން ތަހުގީގު ބަޔާނަކީ މަޖުބޫރުކޮށްގެން ނަގާފައިވާ ބަޔާނެއް ކަމަށް ބުނި ނަމަވެސް، ގާޒީ ވިދާޅުވީ އެ ބަޔާން ނެގީ ދިފާއީ ވަކީލެއްގެ ހާޒިރުގައި ކަމަށާއި، ބަޔާން ނެގިއިރު އެއްވެސް ހާސްކަމެއް ނެތްކަން ވީޑިއޯ ފުޓޭޖްތަކުން ފެންނަން ހުރި ކަމަށެވެ. އަދި ލިޓަން ވައްޓާލި ސަރަހައްދަކީ ރޭގަނޑުގެ ވަގުތެއްގައި، އުޅަނދުފަހަރު ގިނަ އަދި ކައިރީގައި ހިކިފަސް ތަނެއް ނެތް ސަރަހައްދަކަށް ވާތީ، އެފަދަ އަމަލެއްގެ ސަބަބުން މީހަކު ސަލާމަތްވުމުގެ ފުރުސަތު ކުޑަކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ގާޒީ އިތުރަށް ވިދާޅުވީ، ގަސްދުގައި މީހަކު މެރުމުގެ ކުށް އިސްލާމީ ޝަރީއަތުގައި ބުނާ "އެއްވެސް ޝައްކެއް ނެތް މިންގަނޑުން" ސާބިތުވާވަރަށް ހެކި ނެތް ނަމަވެސް، ފަރުވާލެއް ނެތް އަމަލަކުން މީހަކު މަރުވުމުގެ ކުށް ގާނޫނީ މިންގަނޑުން ސާބިތުވާ ކަމަށެވެ. އަދަބާ ބެހޭގޮތުން ވާހަކަ ދައްކަމުން ދައުލަތުން ވަނީ ނިޒާމަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިދިނުމަށް އެދިފައެވެ.

މިއަދުގެ އަޑުއެހުމުގައި ނިޒާމަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމުން ނިޒާމް ބުނީ، އޭނާ މީހަކު މަރާލިކަމަށް ދައުލަތުން ބުނާ ކަމަށާއި، މަރުވި މީހެއްވެސް ހުންނަން ޖެހޭނެ ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުށް ސާބިތުކޮށްފައި ވަނީ ހެކިތަކަށް ވެސް ބެލުމެއް ނެތިކަމަށް އޭނާ ބުނެފައިވެއެވެ.

ދެފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރެއްވުމަށްފަހު މައްސަލަ ބައްލަވާ ޤާޟީ ވަނީ ލިޓަން މަރާލުމާ ގުޅޭ ކުށުގައި ނިޒާމް 25 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކުރަށްވާފައެވެ. އަދި އޭނާ ބަންދުގައި ހުރި 3 އަހަރާއި 1 މަހާއި 29 ދުވަސް އުނިކުރުމުން ތަންފީޒުކުރަން ޖެހެނީ 21 އަހަރާއި 10 މަހާއި 1 ދުވަހުގެ ޖަލު އަދަބެކެވެ.

ވައްކަމުގެ މައްސަލައިގައި އޭނާ ގެ މައްޗަށް އިއްވީ 1 އަހަރުގެ ޖަލު ޙުކުމެކެވެ. މި މައްސަލާގައި ހިމެނޭ ޑައިމޯފިންގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި އޭނާ ގެ މައްޗަށް 15 އަހަރު ދުވަހުގެ ޙުކުމެއް މީގެ ކުރިން ވަނީ އިއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު