އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން-
އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން-
ބައެއް ސިޔާސީ ޕާޓީތަކުން މާލޭގައި ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކުގައި އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް ވާހަކަދައްކައި، މުޖުތަމައުގައި ނަފްރަތާއި ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް އަމަލުކުރަމުންދާތީ އެކަމާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، އެފަދަ އަމަލުތައް ހުއްޓާލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.

މިކަމާ ގުޅޭގޮތުން އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރޭގަނޑުގެ ވަގުތުތަކުގައި ބާއްވާ ބައެއް އެއްވުންތަކުގައި ދައްކާ ވާހަކަތައް މީޑިއާގެ ޒަރިއްޔާއިން އާންމުވަމުންދާއިރު، އޭގެ ސަބަބުން އާންމުންގެ މެދުގައި ނަފްރަތު އުފެދި، ހަމަނުޖެހުމަށް މަގުފަހިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިދީފައިވީ ނަމަވެސް، އެ ހައްގުގެ ބޭނުން ހިފަންވާނީ އަނެކާގެ ހައްގުތަކަށް އިހްތިރާމްކޮށް، ވަކި ހުދޫދެއްގެ ތެރެއިން ކަމަށް އެޗްއާރްސީއެމުން ހަނދާންކޮށްދީފައިވެއެވެ.

"ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކުގައި، މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި، މުޖުތަމައުގެ ހަމަޖެހުމާއި މަސްލަހަތު ނަގާލުމަށް ގޮވާލުމުގެ އިތުރުން އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ފާޅުކުރެވޭ ހިޔާލުތަކަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ރޫހާ ހިލާފު އަމަލުތަކެއް،" އެ ކޮމިޝަންގެ ބަޔާނުގައިވެއެވެ.

އެޗްއާރްސީއެމުން ވަނީ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުން މިފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ގާނޫނީ އިމުގެ ތެރެއިން މިކަންކަމަށް ފިޔަވަޅު އެޅުމަށްވެސް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، އެހެން މީހުންގެ އިންސާނީ ކަރާމަތަށާއި އަބުރަށް އުނިކަން ނުލިބޭނެ ގޮތަކަށް ސިޔާސީ ހަރަކާތްތައް ރޭވުމަށް ހުރިހާ ޕާޓީތަކަކަށް އެޗްއާރްސީއެމުން ވަނީ ބާރުއަޅާފައެވެ. ހަމައެއާއެކު، ގަވާއިދުތަކާ އެއްގޮތަށް ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް ދައުލަތުގެ ސަލާމަތީ ބާރުތަކުން ފުރިހަމަ އެއްބާރުލުން ދިނުމަށްވެސް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

އެޗްއާރްސީއެމްގެ ބަޔާން ނިންމާލާފައިވަނީ، ސިޔާސީ ހަރަކާތްތައް ހިންގުމުގައި އާންމު މަސްލަހަތު އިސްކޮށް، ސުލްހަވެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން ހުރިހާ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހުރިހާ ސިޔާސީ ޕާޓީތަކަކަށް އިލްތިމާސް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު