މާބޮޑަށް ދާހިއްލާ ފަދަ ބުރަ ކަސްރަތެއް ކޮށްފިނަމަ އެ ލައިގެން ހުރި ހެދުމައް ދޮންނަންޖެހޭނެ
މާބޮޑަށް ދާހިއްލާ ފަދަ ބުރަ ކަސްރަތެއް ކޮށްފިނަމަ އެ ލައިގެން ހުރި ހެދުމައް ދޮންނަންޖެހޭނެ
އެއްފަހަރަށްވުރެ ގިނަ ފަހަރު ކަސްރަތު ކުރާ ހެދުން ބޭނުންކުރުމުގެ އާދަ ހުންނަ ނަމަ، މިއީ ހަމަ ތިޔަ ފަރާތްތަކަށް ޚާއްޞަ ލިޔުމެކެވެ.

އަޅުގަނޑު އެއްބަސްވާންޖެހޭ ކަމެއް އެބައޮތެވެ. ކޮންމެ ފަހަރަކު ކަސްރަތުކޮށް ނިމުމުން، އެވަގުތު ލައިގެން ހުރި ހެދުން ގިނަ މީހުން ވަގުތުން ނުދޮންނާނެއެވެ. އެހެން އަންނައުނާއެކު ދޮންނަން ގިނަމީހުން އަޅާނީ ދާވަށިގަނޑަށެވެ. އެވެސް ވަރަށް ބޮޑަށް ދާހިތްލާ ވަރުގެ ކަސްރަތެއް ކޮށްފިނަމައެވެ. އެހެން ނޫން ނަމަ މަދުވެގެން ދެ ފަހަރު އެއް ހެދުމެއް ބޭނުންކުރެވިދާނެއެވެ. މިސާލަކަށް ފިނި ދުވަހެއްގައި މަޑުމަޑުން ހިނގާލުމުން ނުވަތަ 15-20 މިނެޓުގެ ކުރު ކަސްރަތަކުން މާ ބޮޑަށް ދާނުހިތްލާ ނަމަ، އިތުރަށް ހެދުން ދޮތުމަކީ އެހާ މުހިއްމު ކަމެއް ނޫނެވެ.

މިދެންނެވުނު ގޮތަކީ ހަމުގެ ދުޅަހެޔޮކަމަށް ރައްކާތެރި ގޮތެއްތޯ ބެލުމަށް ކަމާބެހޭ މާހިރުން ދެއްވާފައިވާ އިރުޝާދުތަކަށް ބަލާލީމެވެ. މިގޮތުން، ކަސްރަތު ކުރާ ހެދުން ދޮންނަންވީ ވަގުތު ނިންމުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ހަމުގެ ބަލިތަކަށް ޚާއްޞަ ބައެއް ޑޮކްޓަރުންގެ ވާހަކަތަަކަށް ބަލާލުމުން ކަސްރަތު ކުރަން ލާ ހެދުން ދޮތުން ބިބާވެގެންވަނީ އެކުރާ ކަސްރަތެއް ކުޑަ ބޮޑު މިނުގެ މައްޗަށެވެ.

އަސްލު މައްސަލައަކީ ދަލާއި، ބެކްޓީރިއާ އަދި ބޮޑުބިހި ނެގުން

އާންމުގޮތެއްގައި ދަލަކީ އޭގެ ޒާތުގައި ގެއްލުން ހުރި އެއްޗެއް ނޫނެވެ. އަދި އޭގައި ވަހެއްވެސް ނުހުރެއެވެ. ނަމަވެސް، ހަމުގައި ހުންނަ ބެކްޓީރިއާއާ ދާ އެކުވެ، ހެދުމުގެ ފޮތިގަނޑަށް އެ ދަމައިގަތުމުން، ނުބައި ވަސް ދުވަން ފަށައި ހަމަށް އުނދަގޫތައް ކުރިމަތިވެއެވެ. މައްސަލަ ދިމާވަނީ ކަސްރަތުކޮށް ނިމުމަށްފަހު ގިނަ އިރުތަކެއް ވަންދެން އެ ދާހިތްލާފައި ހުރި ހެދުމުގައި ހުރުމުންނެވެ.

ނިއުޔޯކްގެ ހަމުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރެއް ކަމަށްވާ ބްރިއާނާ އޮލަމިޖޫ ވިދާޅުވި ގޮތުގައި، ބެކްޓީރިއާ ހަމުގައި ގިނަ އިރު ހީލިފައި ހުރިވަރަކަށް، އޭގެ ނުރައްކާ ބޮޑުވެއެވެ.

"އާންމުކޮށް މީގެ ސަބަބުން ބޮޑުބިހި ނަގާ. މޭމައްޗާއި ބުރަކަށީގައި ބިހި ނަގައިގެން އަންނަ ވަރަށް ގިނަ ބަލިމީހުން އަޅުގަނޑު ބަލަން. މިއީ ގިނައިން ކަސްރަތުކޮށްފައި، ވަގުތުން ހެދުން ބަދަލުނުކޮށް ނުވަތަ ގައި ނުދޮވެ އެހެން ކަންކަމުގައި އުޅޭ މީހުންނަށް ދިމާވާ ކަމެއް،" ޑރ. އޮލަމިޖޫ ވިދާޅުވިއެވެ.

ޑރ. އޮލަމިޖޫ އިތުރަށް ވިދާޅުވި ގޮތުގައި، ކަސްރަތުކޮށް ނިމިގެން ހެދުން ބޭލުމަށްފަހު އަނެއް ދުވަހު އެ ބޭނުންކުރި ނަމަވެސް، ބެކްޓީރިއާތަކެއް ނައްތައެއް ނުދެއެވެ. އޭގެ ސަބަބުން ނުބައި ވަސް ދުވުމުގެ އިތުރުން، ހަމުގައި ބިހި ނެގުމާއި ހަންގަނޑު ރަތްވެ ކަހާ ގޮތް މެދުވެރިވެއެވެ.

އެއީ ކުރާ ކަސްރަތަކާއި ލާ ހެދުމަށް ބިނާވާ ކަމެއް

ކަސްރަތުގެ ބާވަތަށް ބަލާއިރު، ހުރިހާ ކަސްރަތަކީ ހަމަށް އެއްވަރަކަށް ނުރައްކާވާ ކަންކަމެއް ނޫނެވެ. ދާ ގިނައިން ހިތްލާ ކަސްރަތުތައް (މިސާލަކަށް: ދުވުން ނުވަތަ ހޮޓް ޔޯގާ) ކުރުމަށްފަހު ކޮންމެހެންވެސް އާ ހެދުމެއް ބޭނުންކުރަން ޖެހެއެވެ. ނަމަވެސް، ޔޯގާ ނުވަތަ ހިނގުން ފަދަ ލުއި ކަސްރަތުތަކުގައި ނުރައްކާ ކުޑައެވެ.

ދޮންނަންޖެހޭ ތަކެތި ނިންމުމުގައި ޑރ. އޮލަމިޖޫ ޚާއްޞަ ސަމާލުކަމެއް ދެއްވަނީ ބައެއް ބާވަތުގެ ހެދުމަށެވެ. "އަންހެނުންނަށް ބަލާއިރު، ސްޕޯޓްސް ބްރާ ބަދަލުކުރުމަކީ ވަރަށް މުހިންމު ކަމެއް. ބޭރުންލާ ޓީޝާޓް ދެވަނަ ފަހަރަށް ބޭނުންކުރެވިދާނެ، އެކަމަކު ހަށިގަނޑާ އެންމެ ކައިރީގައި ހުންނަ އެތެރެއިންލާ ހެދުމާއި އިސްޓާކީނު ފަދަ ތަކެތި ކޮންމެހެންވެސް ބަދަލުކުރަންޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ހެދުން ތައްޔާރުކޮށްފައި ހުންނަ ފޮތީގެ ބާވަތަށްވެސް ސަމާލުވާންޖެހެއެވެ. ގިނަ ކަސްރަތު ހެދުންތަކަކީ ޕޮލިއެސްޓާ އެކުލެވޭ ހެދުންތަކަކަށް ވުމުން، އޭގައި ދާ ހިފެހެއްޓިފައި ހުރެއެވެ. ކަސްރަތު ކުރަން ކޮޓަން ހެދުން ބޭނުންކުރުމަކީ ހަމަށް އެންމެ ރަނގަޅު ގޮތެވެ. ނަމަވެސް ކޮޓަން ކަސްރަތު ހެދުން ހޯދުމަކީ ދަތި ކަމަކަށް ވެދާނެއެވެ.

ސާފުތާހިރުކަމުގެ އިރުޝާދުތައް

ކަސްރަތު ކުރާ ހެދުން ދޮންނަންވީ ކިހާ ވަރަކަށް ހެއްޔެވެ؟ ޑޮކްޓަރުންގެ ލަފަޔަކީ ކޮންމެ ފަހަރަކު ކަސްރަތުކޮށް ނިމުމުން ހެދުން ދޮވުމެވެ. ނަމަވެސް، މިއީ އެމީހަކަށް ފަސޭހަ މިންވަރަކުން ނިންމިދާނެ ކަމެކެވެ. ކޮންމެހެންވެސް ދެވަނަ ފަހަރަށް ހެދުން ބޭނުންކުރަން ބޭނުން ނަމަ، ތިރީގައިވާ ކަންކަމަށް ސަމާލުކަން ދޭށެވެ.

1. ދާހިތްލާ ކަސްރަތުތަކަށްފަހު ވަގުތުން ދޮވުން: ބާރަށް ދުވުން ނުވަތަ ދާހިތްލާ ވަރުގެ ކަސްރަތެއް ކޮށްފި ނަމަ، އެ ހެދުން ވަގުތުން ދޮންނަން އަޅާށެވެ.

2. އެތެރެއިންލާ ހެދުން ބަދަލުކުރުން: ސްޕޯޓްސް ބްރާ، އެތެރެއިންލާ ހެދުން އަދި އިސްޓާކީނު ފަދަ ތަކެތި ކޮންމެ ކަސްރަތަކަށްފަހު ބަދަލުކުރާށެވެ.

3. ހެދުން ރަނގަޅަށް ހިއްކުން: ދާހިތްލާފައި ހުރި ހެދުން އެއްކޮށްލާފައި ބޭއްވުމުގެ ބަދަލުގައި، ވަޔަށް ހިއްކަން އަޅުވާށެވެ. އޭރުން ބެކްޓީރިއާ އުފެދުން މަދުވާނެއެވެ.

4. ވަގުތުން ހެދުން ބަދަލުކުރުން: ކަސްރަތުކޮށް ނިމިގެން ގިނައިރު އެ ހެދުމުގައި ނީންނާށެވެ. ހަށިގަނޑުގައި ހެދުން ހީލިފައި ހުންނަ ވަގުތު އިތުރުވާ ވަރަކަށް ބެކްޓީރިއާ ގިނަވާނެއެވެ.

5. ވަސް ބަލާލުން: ހެދުމުން ނުބައި ވަހެއް ދުވާ ނަމަ ނުވަތަ ތެއްކަމެއް ހުރި ނަމަ، އެ ހެދުން ދެވަނަ ފަހަރަށް ބޭނުންނުކުރާށެވެ.

6. ޖިމްގެ ސާފުތާހިރުކަން: އެންމެން ބޭނުންކުރާ ކަސްރަތު ސާމާނު ބޭނުންކުރުމުގެ ކުރިން ފޮހެލާށެވެ. އަދި ވީވަރަކުން ހުސްފައިގައި ނޫޅޭށެވެ.

ކޮންމެ ފަހަރަކު ހެދުން ދޮވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައިވީ ނަމަވެސް، މަތީގައިވާ ކަންކަމަށް ސަމާލުކަން ދީގެން އުޅުމުން ހަމުގެ މައްސަލަތަކުން ސަލާމަތްވެވޭނެއެވެ. ޝައްކެއްވާ ނަމަ، އެންމެ ރަނގަޅު ގޮތަކީ ސާފު ހެދުމެއް ބޭނުންކުރުމެވެ. އޭރުން ތިބާގެ ހަންގަނޑު ހުންނާނީ ދުޅަހެޔޮކޮށެވެ.



ކިޔުންތެރިންގެ ހިޔާލު