އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)
އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ހަމަޖައްސައިފިއެވެ.

އެމްޑީޕީން މިއަދު ބުނީ، މި ދާއިރާގެ ޓިކެޓަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިއަދު މެންދުރު 2:00 އަށް ހަމަވިއިރު، ސޯބެ ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާ ކަމަށެވެ. އެހެންކަމުން، ޕާޓީގެ އުސޫލުގެ ދަށުން ޕްރައިމަރީއަކާ ނުލައި ސޯބެއަށް ވަނީ ޓިކެޓް ކަށަވަރުވެފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، ކުރިން އެ ދާއިރާގެ މެންބަރަކަށް ހުންނެވި ސަރުކާރު ހިންގާ ޕީއެންސީގެ މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމާ ގުޅިގެން، އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިއްޖެ ކަމަށް މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

ސިނާންގެ ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކުން ނަގާފައިވާ 2.5 މިލިއަން ރުފިޔާގެ ލޯނެއް އަނބުރާ ދެއްކުމަށް ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުންނެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި މި ހުކުމުގައި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާކަން ސާބިތުވާތީ ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.

ޓިކެޓް ކަށަވަރުވުމާ ގުޅިގެން ރާއްޖޭގެ މީޑީއާއަކަށް ސޯބެ ވިދާޅުވީ، އޭނާ އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ ވިސްނުމުގައި ކަމަށެވެ. އަދި ސިޔާސީ ދާއިރާގައި ދެމިހުންނަވައިގެން، ހިތަދޫގެ ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ހިދުމަތް ކުރުމަށް މަޖިލިސް ގޮނޑިއަށް ވާދަކުރަން ނިންމެވީ ކަމަށް އޭނާ ވިދާޅުވިއެވެ.

ސޯބެ އަކީ އައްޑޫ ސިޓީގެ މޭޔަރުކަން 2011 އިން 2021 އާ ހަމައަށް 10 އަހަރު ދުވަހު ކުރެއްވި ތަޖުރިބާކާރު ބޭފުޅެކެވެ. މީގެ އިތުރުން، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އޭނާ ވަނީ ފުރުއްވާފައެވެ. ސޯބެ މިހާރު ހުންނެވީ އެމްޑީޕީގެ ހިތަދޫ ދާއިރާގެ ރައީސްގެ މަގާމުގައެވެ.

ގާނޫނުގައިވާ ގޮތުން މަޖިލިސް ގޮނޑިއެއް ހުސްވާތާ ފަސް ދުވަހުގެ ތެރޭގައި ބައި-އިލެކްޝަނަށް ހުޅުވާލަން ޖެހެއެވެ. މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު