ޕީޖީ އައްބާސް ޝަރީފް
ޕީޖީ އައްބާސް ޝަރީފް
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާއާ ގުޅިގެން ކުރިއަށްދާ ތަހުގީގުތައް އަވަސްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ފުލުހުންގެ އިދާރާއަށް އަންގައިފިއެވެ.

ޕީޖީ އޮފީހުން މީޑިއާތަކަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި މަހުގެ 8 ވަނަ ދުވަހު ފުލުހުންނަށް ފޮނުވި އެންގުމުގައި ވަނީ މި ހަމަލާއަށް ފަންޑުކުރި ފަރާތްތަކާ ގުޅުންހުރި ތަހުގީގުތައް ވީއެންމެ އަވަހަކަށް ނިންމައި އެ އޮފީހަށް ހުށަހެޅުމަށެވެ. މިއީ މި މައްސަލައިގެ ފަހަތުގައި ތިބި މީހުން ހޯދުމަށް ކުރެވޭ މަސައްކަތް ހަލުވިކުރުމަށް އެޅި ފިޔަވަޅެކެވެ.

ޕީޖީ އޮފީހުން 5 އަހަރު ފަހުން މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ފުލުހުންނަށް އަންގާފައިވާއިރު، ރައީސް ނަޝީދު ވަނީ އަލުން ސިޔާސީ މަސައްކަތަށް ނިކުންނަވާފައެވެ. އެގޮތުން މިއަދު ހަވީރު ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް ވަނީ ތާވަލު ކޮށްފައެވެ.

6 މެއި 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ، ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެއިން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ދިން މި ހަމަލާއަކީ މަގުމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެން ދީފައިވާ ހަމަލާއެކެވެ. މި ގޮވުމުގެ ސަބަބުން ރައީސް ނަޝީދުގެ ހަށިކޮޅަށް ރޭޒަރ ފުއްތަކާއި ދަގަނޑު އެތިކޮޅުތައް ވަދެ، ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގަތެވެ. އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން ގިނަ ގަޑިއިރުތަކެއް ވަންދެން ކުރި ސީރިއަސް އޮޕަރޭޝަންތަކަށްފަހު، އެމަނިކުފާނު ވަނީ އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށާއި އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.

މި މައްސަލައިގައި މިހާތަނަށް އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް ރަޝީދު ވަނީ 23 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. ނަމަވެސް، މި މައްސަލައިގައި ދައުވާ އުފުލާފައިވާ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް، ފަހުމީ އަލީ، އިސްހާގް އަދި މުހައްމަދު ނާޒިމްގެ ޝަރީއަތްތައް އަދިވެސް ނުނިމި ދިގުލައިގެން ގޮސްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މި ހަމަލާއާ ގުޅިގެން ހެދި 271 ސޮފްހާގެ ތަފްސީލީ އިންކުއަރީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެކި ފަހަރުމަތިން މަސައްކަތް ކޮށްފައިވެއެވެ. އެ ރިޕޯޓުގައި ހުށަހަޅާފައިވާ 46 ރެކަމެންޑޭޝަނުގެ ތެރޭގައި، އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުމުގެ ނިޒާމު ހަރުދަނާކުރުން ހިމެނެއެވެ. މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވެސް ވަނީ މި އިންކުއަރީ ރިޕޯޓުގައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް އެދި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް ސިޓީ ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު