ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ޝަމްހީދު-
ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ޝަމްހީދު-
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކުންފުނިތަކުގެ މުވައްޒަފުން މަދުކުރާއިރު، ވަކި އަމާޒެއް ކަނޑައަޅައިގެން އެމްޑީޕީގެ މެންބަރުން ވަޒީފާއިން ވަކިކުރަން ފަށައިފިނަމަ، މި ސަރުކާރު ބަދަލުކުރަން ނުކުތުން އެމްޑީޕީއަށް ލާޒިމުވާނެ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޝަމްހީދު މިފަދައިން ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އެންގުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވިދާޅުވީ، ވަޒީފާތަކުން މުވައްޒަފުން ވަކިކުރާއިރު، ވަކި ޓާގެޓެއް ހަދައިގެން އެމްޑީޕީގެ މެންބަރުން ކަނޑަން ފަށައިފިނަމަ، މި ސަރުކާރު ބަދަލުކުރުމުގެ މަސައްކަތަށް ނުކުތުމަކީ އެމްޑީޕީއަށް މަޖުބޫރުވާނެ ކަމެއް ކަމަށެވެ.



ޝަމްހީދު އިތުރަށް ވިދާޅުވީ، ސިޔާސީ ފިކުރަށް ބަލައި ވަކި ބަޔަކު ނިކަމެތި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ތެރޭގައި ހަމައެކަނި އެމްޑީޕީގެ މެމްބަރުން ހިމަނައިގެން އެ އާއިލާތަކުގެ އާމްދަނީއަށް ހުރަސް އެޅުމަކީ ސަރުކާރުން ހަދާނެ ބޮޑު ގޯހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"ނަމަނަމަ ގޯސް ނަހަދާތި! މި ޕާޓީ މީހަކަށްވީތީ އެ އާއިލާ ބިކަކުރަން ނޫޅޭތި،" ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދު އިތުރަށް ވިދާޅުވީ، މި ދައްކަނީ މަދުވެގެން 13،000 އާއިލާގެ ދިރިއުޅުމުގެ ވާހަކަ ކަމަށާއި، ދިވެހިރާއްޖޭގެ ތާރީޚުގައި އެއްފަހަރާ އެންމެ ގިނަ ބަޔަކު ވަޒީފާއިން ވަކިކޮށް މަގުމަތިކުރަން ސަރުކާރުން މި ނިންމި ނިންމުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން، ރައްޔިތުން ތަމްސީލުކުރާ މަޖިލީހުން ފާސްކުރި ބަޖެޓުގައި ޚަރަދު ކުޑަކުރަން މިފަދަ ކަމެއް ހިމަނާފައި ނުވާކަން ފާހަގަކުރައްވައި ޝަމްހީދު ވަނީ ސުވާލު އުފައްދަވާފައެވެ. ކުއްލިއަކަށް މިހާ ގިނަ ބައެއްގެ ވަޒީފާ ގެއްލުވާލައި އާއިލާތައް ބިކަކޮށްލުމަކީ ބޮޑު ބޭއިންސާފެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ފިނޭންސް މިނިސްޓްރީން ޕީސީބީއަށް އަންގާފައިވަނީ ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ އަދަދު މަދުކުރުމަށާއި، ބޭކާރު ހަރަދުތައް ހުއްޓާލުމަށެވެ. ނަމަވެސް، މި ފިޔަވަޅުގެ ސަބަބުން ގިނަ އަދަދެއްގެ އާންމު މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް