މަރްޔަމް ނަހްދާ ވަޙީދު   18 އޭޕްރީލު 2026 - 16:33
ފޮޓޯ: އިލެކްޝަންސް ކޮމިޝަން-
ފޮޓޯ: އިލެކްޝަންސް ކޮމިޝަން-
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިހާބުތަކުގެ ދެވަނަ ބުރުގެ ވޯޓުލުން ނިންމާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް ކުރިއަށްދިޔަ މި އިންތިޚާބުގެ ވޯޓުލުން މިހާރު ވަނީ ހުރިހާ މަރުކަޒެއްގައި ނިމިފައެވެ. އަދި ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމާއެކު، އިންތިޚާބުގައި ބެހެއްޓުނު ހުރިހާ ވޯޓުފޮށިތަކެއް މިހާރު ވަނީ ބަންދުކޮށްފައެވެ.

މި އިންތިޚާބު މައިގަނޑު ފަސް ދާއިރާއެއްގައި ކުރިއަށްދިޔައިރު، އޭގެ ތެރޭގައި ހިމެނެނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ގޮނޑިއަށް މެންބަރަކު ހޮވުމާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ ކައުންސިލް މެންބަރު ހޮވުމެވެ. މީގެ އިތުރުން، ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ވޯޓުލުން ކުރިއަށްދިޔައިރު، ހދ. ނޭކުރެންދޫ އަދި ލ. މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހޮވުމަށްވެސް ވަނީ ވޯޓުލާފައެވެ.

ވޯޓުލުން ކުރިއަށްދިޔަ ރަށްތަކާއި މާލެ ހިމެނޭހެން ޖުމްލަ 14 ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. އެގޮތުން ކެލާ، މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ކޮންމެ ސަރަހައްދެއްގައި ދެ ފޮށި ބެހެއްޓިފައިވާއިރު، ނޭކުރެންދޫ އާއި ދޮންފަނުން ކޮންމެ ރަށެއްގައި ވަނީ އެއް ފޮށި ބަހައްޓާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިޚާބުތަކުގައި ޖުމްލަ 6,093 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުން ރަޖިސްޓްރީވެފައިވަނީ ހއ. ކެލާގައެވެ. އެއީ 1,729 މީހުންނެވެ. ދެން އެންމެ ގިނައީ މާވަށު ދާއިރާގެ 1,556 މީހުންނެވެ. މީގެ އިތުރުން ފުވައްމުލައް ދަޑިމަގު ދާއިރާއިން 1,311 މީހުން، ނޭކުރެންދޫއިން 1,056 މީހުން އަދި ދޮންފަނުން 441 މީހުންނަށް ވޯޓުލުމުގެ ފުރުޞަތު އޮތެވެ.

އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔަ ގޮތަށް ބަލާއިރު، މިއަދު ހަވީރު 15:00 ޖެހުމާ ހަމައަށް ވޯޓު ލާފައި ވަނީ ޖުމްލަ 3,892 މީހުންނެވެ. މިއީ ވޯޓު ލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ 63.88 އިންސައްތައެވެ. އޭގެ ތެރޭގައި ހިމެނެނީ 1,968 ފިރިހެނުންނާއި، 1,924 އަންހެނުންނެވެ.



ކިޔުންތެރިންގެ ހިޔާލު