ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ވޯޓާ ގުޅޭ މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި މި އިންތިޚާބުގައި އެންމެ ބޮޑު ހިޔާލުތަފާތުވުމެއް އުފެދުނީ މީދޫ ދާއިރާގެ ނަތީޖާއާ މެދުގައެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެ ފުރަތަމަ އިޢުލާންކުރި ވަގުތީ ނަތީޖާއަށް ބަލާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 393 ވޯޓު ލިބިފައިވާއިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބިފައިވަނީ 392 ވޯޓެވެ.

ނަމަވެސް، ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިނުވާ ފަރާތަކުން ވޯޓުލީ މައްސަލައެއް އެމްޑީއޭގެ ފަރާތުން ކޮމިޝަނަށް ހުށަހެޅިއެވެ. ހަމައެއާއެކު، ބާޠިލު ވޯޓެއްގެ މައްސަލާގައި ވޯޓު އަލުން ގުނައިދިނުމަށް އެދި ޕީއެންސީން ވެސް ޝަކުވާ ހުށަހެޅިއެވެ. މި މައްސަލަތައް ބެލުމަށްފަހު، އީސީގެ ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރުންގެ އިއްތިފާޤުން ނިންމީ މައްސަލަ ޖެހުނު ވޯޓަކީ ޞައްޙަ ނޫން ވޯޓެއް ކަމަށާއި، އެ ވޯޓު ނަތީޖާއިން އުނިކުރުމަށެވެ.

ވޯޓު އަލުން ގުނުމަށްފަހު އިޢުލާންކުރި ނަތީޖާއިން ދެއްކީ އެއް ވޯޓުގެ ތަފާތުން ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީއޭގެ ކެންޑިޑޭޓް ކަމަށެވެ. މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާކަން ކަށަވަރުވެފައިވީ ނަމަވެސް، އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މި މައްސަލަ ހުށަހަޅާފައިވަނީ ޕީއެންސީގެ ފަރާތުންނެވެ.

ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) ގެ ދަށުން، އިންތިޚާބަކާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ އެ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ މާއްދާގައިވާ ގޮތުން، އިންތިޚާބީ މައްސަލަތައް ބެލުމުގެ ފުރަތަމަ މަރުޙަލާގެ އިޚްތިޞާޞް ލިބިގެންވަނީ ހައިކޯޓަށެވެ. އަދި ހައިކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުޞަތު އޮވެއެވެ. މީގެ އިތުރުން، އެ ޤާނޫނުގެ 66 ވަނަ މާއްދާ ބުނާގޮތުން އިންތިޚާބީ މައްސަލައެއް ހުށަހަޅަންޖެހެނީ ރަސްމީ ނަތީޖާ އިޢުލާންކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައެވެ.

އިލެކްޝަންސް ކޮމިޝަނުން މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ނަތީޖާއަށް ބަލާއިރު، ޝާހިދަށް 392 ވޯޓު ލިބިވަޑައިގަތްއިރު، ސުހާއަށް ލިބިވަޑައިގަތީ 391 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހީމް ނަސީމަށް ލިބިވަޑައިގަތީ 100 ވޯޓެވެ.



ކިޔުންތެރިންގެ ހިޔާލު