މާލެ ސަރަޙައްދުގެ ޓެކްސީގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، "މާލެ ޓެކްސީ" ގެ ރަސްމީ ވެބްސައިޓް ތަޢާރަފުކޮށް، ދަތުރުތަކަށް އަގު ނަގަން ފަށައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ މި ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު ޓެކްސީ ބުކްކުރުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން ވެބްސައިޓަށް ވަދެ، މަދު ސިކުންތުކޮޅެއްގެ ތެރޭގައި ދަތުރު ބުކްކޮށް، ފައިސާ ދެއްކުމުގެ ކަންކަން ނިންމާލެވޭނެ ކަމަށާއި މީގެ އިތުރުން، ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި ޚިދުމަތުގެ ދަށުން ދަތުރުތައް ކުރާނީ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ރަސްމީ އަގުތަކުގައެވެ.

އެގޮތުން ކަނޑައެޅިފައިވާ އަގުތަކަކީ:

މާލެ، ހުޅުމާލެ ފިޔަވަހި 1 އަދި 2 ގެ އެތެރޭގެ ދަތުރުތަކަށް: 30 ރުފިޔާ

ހުޅުމާލެ ފިޔަވަހި 1 އާއި 2 އާ ދެމެދު: 40 ރުފިޔާ

މާލެ އާއި ހުޅުލެއާ ދެމެދު: 70 ރުފިޔާ

ހުޅުމާލެ ފިޔަވަހި 1 އާއި ހުޅުލެއާ ދެމެދު: 80 ރުފިޔާ

މާލެ އާއި ހުޅުމާލެ ފިޔަވަހި 1 އާ ދެމެދު: 85 ރުފިޔާ

ހުޅުމާލެ ފިޔަވަހި 2 އާއި ހުޅުލެއާ ދެމެދު: 85 ރުފިޔާ

މާލެ އާއި ހުޅުމާލެ ފިޔަވަހި 2 އާ ދެމެދު: 100 ރުފިޔާ



އެ ޚިދުމަތަށް ފައިސާ ދެއްކުމުގައިވެސް ލުއިފަސޭހަ ގޮތްތަކެއް ވަނީ ތަޢާރަފުކޮށްފައެވެ. އެމްޓީސީސީން ބުނީ ހޮޓްލައިން މެދުވެރިކޮށް ބުކްކުރާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ޕޭމަންޓް ލިންކެއް ފޮނުވޭނެ ކަމަށާއި އަދި ވެބްސައިޓުން ބުކްކުރާނަމަ، ސީދާ ވެބްސައިޓު ތެރެއިން ފައިސާ ދެއްކޭނެ ކަމަށެވެ.

މި ޚިދުމަތަކީ މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ފެށި މުހިންމު މަޝްރޫޢެކެވެ. މި މަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކޮށްދެއްވި މި ޚިދުމަތް، މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދީފައިވަނީ މުޅިން ހިލޭއެވެ. ނަމަވެސް މިއަދުން ފެށިގެން ދަތުރުތަކަށް އަގު ނަގަން ވަނީ ފަށާފައެވެ.

އެމްޓީސީސީން ބުނިގޮތުގައި މި ޚިދުމަތުގެ ކާރުތަކުން މަގުމަތިން އަތް ނަގައިގެން ދަތުރުތަކެއް ނުނަގާނެއެވެ. މިއީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަތުރުތައް ޓްރެކްކޮށް މޮނިޓަރކުރާ، ރޭވުންތެރި ޚިދުމަތަކަށް ވާތީ، މީގެ ސަބަބުން ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ، އިތުބާރު ހުރި ޚިދުމަތެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި، ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން މިހާރު ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު