ބައި-އިލެކްޝަންތަކުގެ ދެވަނަ ބުރުގެ ވޯޓުލުން ރަސްމީކޮށް ފަށައިފި
ބައި-އިލެކްޝަންތަކުގެ ދެވަނަ ބުރުގެ ވޯޓުލުން ރަސްމީކޮށް ފަށައިފި
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަންތަކުގެ ދެވަނަ ބުރުގެ ވޯޓުލުން ރަސްމީކޮށް ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، މި އިންތިހާބުތަކަށް ކަނޑައެޅިފައިވާ ހުރިހާ މަރުކަޒެއްގައިވެސް މިހާރު ވަނީ ވޯޓުލާން ފަށާފައެވެ. މި ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.

މި އިންތިހާބުތައް މިއަދު ކުރިއަށްދަނީ މައިގަނޑު ފަސް ދާއިރާއެއްގައެވެ. އޭގެ ތެރޭގައި ހިމެނެނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް މެންބަރަކު ހޮވުމާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ ކައުންސިލް މެންބަރު ހޮވުމެވެ. މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރު ކުރިއަށްދަނީ ހއ. ކެލާގެ ރައީސް ހޮވުމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުން ހޮވުމަށެވެ.

ވޯޓުލުމުގެ އިންތިޒާމްތަކަށް ބަލާއިރު، ދެވަނަ ބުރު ކުރިއަށްދާ ރަށްތަކާއި މާލެ ހިމެނޭހެން ޖުމްލަ 14 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެގޮތުން ކެލާ، މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ކޮންމެ ސަރަހައްދެއްގައި ދެ ފޮށި ބެހެއްޓިފައިވާއިރު، ނޭކުރެންދޫ އާއި ދޮންފަނުން ކޮންމެ ރަށެއްގައި ވަނީ އެއް ފޮށި ބަހައްޓާފައެވެ.

މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 6,093 މީހަކަށް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެންމެ ގިނަ މީހުން ރަޖިސްޓްރީވެފައިވަނީ ކެލާގައެވެ. އެއީ 1,729 މީހުންނެވެ. ދެން އެންމެ ގިނައީ މާވަށު ދާއިރާގެ 1,556 މީހުންނެވެ. މީގެ އިތުރުން ފުވައްމުލައް ދަޑިމަގު ދާއިރާއިން 1,311 މީހުން، ނޭކުރެންދޫއިން 1,056 މީހުން އަދި ދޮންފަނުން 441 މީހުންނަށް ވޯޓުލުމުގެ ފުރުސަތު އޮންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު