މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ
މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ
ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކުގެ ނަތީޖާއިން ފެނިގެންދަނީ މި ސަރުކާރަށް ރައްޔިތުންގެ އެއްވެސް އުންމީދެއް ނެތްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ޚަބަރަށް ފަހު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ކުރީގެ އެމްޑީޕީ ސަރުކާރުން ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ނިންމައިދޭނެ ކަމުގެ ޔަޤީންކަން ދެމުން ކަމަށެވެ. ނަމަވެސް ވެރިކަމަށް ތިން އަހަރު ފާއިތުވެގެން ދިޔައިރުވެސް، ރައްޔިތުންނަށް ވީ އެއްވެސް ވަޢުދެއް ފުއްދިފައި ނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ރައްޔިތުންނަށްވީ ވަޢުދުތައް ފޮތެއްގައި ޗާޕުކުރައްވާ، ސާފުކޮށް ފެންނަން އޮތްއިރު އޭގެން އެއްވެސް ވަޢުދެއް ފުއްދަވާތަނެއް ނުފެނޭ،" ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ދީދީ ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ދަށަށް ގޮސްފައިވާ މިންވަރަށް އަލިއަޅުއްވާލައްވަމުން މެންބަރު ވިދާޅުވީ، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ ކަމަށެވެ. އަދި 2023 ވަނަ އަހަރާ އަޅާބަލާއިރު، މިހާރު ދިވެހި ރައްޔިތުން ތިބީ މާ ނިކަމެތި ޙާލަތެއްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެންބަރު ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދާދި ފަހުން ބޭއްވުނު އިންތިޚާބުތަކުގައި ރައްޔިތުން ދިން ވޯޓަކީ ސަރުކާރުގެ ނުކުޅެދުންތެރިކަމާ މެދު ރައްޔިތުން ދިން ސާފު މެސެޖެކެވެ.



ކިޔުންތެރިންގެ ހިޔާލު