އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން
އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން
އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އިސްފަހާނަށް ކުރެއްވި ޒިޔާރަތެއްގައި ބައިސްކަލް ދުއްވަވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެއްޖެއެވެ.

މި ވީޑިއޯއިން ފެންނަނީ ރައީސް ޕެޒެޝްކިއަން އާންމު ރައްޔިތުންނާ އެކު ވަރަށް އާދައިގެ ގޮތަކަށް ބައިސްކަލް ދުއްވަވާ މަންޒަރެވެ. މި ހަރަކާތަކީ ދުޅަހެޔޮ ސިއްހަތަކަށް ބާރުއެޅުމުގެ ގޮތުން "ޕާތު އޮފް ހެލްތު" ނުވަތަ ސިއްހީ މަގުގެ ނަމުގައި ކުރިއަށް ގެންދިޔަ ބައިސްކަލް ރޭހެއްގެ ތެރެއިން ފެނިގެންދިޔަ ކަމެކެވެ.





މި ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވަނީ، ސަރަހައްދީ ނުތަނަވަސްކަމާއި ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، އެމަނިކުފާނު އެއްވެސް ބިރުވެރިކަމެއް ނެތި އާންމުންގެ ތެރޭގައި ހަރަކާތްތެރިވަމުންދާތީއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން މި ހަރަކާތުގެ ތެރެއިން އެމަނިކުފާނު ވަނީ ސަލާމަތީ ގާޑުންނާ ނުލައި އާންމު މަގުތަކުގައި ހިނގާބިނގާވެ، ރައްޔިތުންނާ އެކު ސެލްފީ ނަގައި ހަދާފައެވެ.

މިއީ އެމަނިކުފާނުގެ އާދައިގެ ދިރިއުޅުމާއި، ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ކަމުގެ ހެއްކެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

އިސްފަހާނަކީ އިރާނުގެ އެންމެ މުހިންމު އެއް ސިޓީއަށް ވެފައި، އެ ސިޓީއަށް ދާދި ފަހުން ވައިގެ ހަމަލާތަކެއް އަމާޒުވެފައިވާކަމުގެ ޚަބަރުތަކެއް ވެސް ފެތުރިފައިވެއެވެ.

އެހެންކަމުން، މިފަދަ ހާލަތެއްގައި ރައީސް ޕެޒެޝްކިއަން އެ ސިޓީގެ މަގުތަކުގައި ބައިސްކަލް ދުއްވަވާ މަންޒަރު ފެނުމަކީ ގައުމުގެ ހަމަޖެހުމާއި ސާބިތުކަން ދައްކުވައިދޭ މެސެޖެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު