ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އިބްރާހީމް މަފާޒު
ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އިބްރާހީމް މަފާޒު
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 86 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އިބްރާހީމް މަފާޒު ވިދާޅުވީ، މިއީ ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ ވަރުގަދަ މަސައްކަތްތަކުގެ ތެރެއިން ހޯދިފައިވާ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މަފާޒް ވިދާޅުވީ، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަތުލައިގަނެވުނު މި ތަކެއްޗަކީ، ވޭތުވެދިޔަ އަހަރުތަކުގެ މި މުއްދަތާ އަޅާބަލާއިރު ރެކޯޑް އަދަދެއް ކަމަށެވެ. އަދި މިހާރު އެންމެ އިސްކަމެއް ދެނީ އެންފޯސްމަންޓުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ރާއްޖެ އެތެރެވާ ތަކެތި ޗެކްކުރުމުގެ ނިޒާމު މިހާރަށްވުރެ ފުޅާކުރުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކަސްޓަމްސްގެ މަސައްކަތްތައް ޒަމާނީ ވަސީލަތްތަކާއެކު ހަރުދަނާކުރުމުގެ ގޮތުން، ޔޫއެންއޯޑީސީގެ އެހީގައި މަސްތުވާތަކެއްޗަށް ޓެސްޓްކުރާ 20 ޑްރަގް އެންޑް ޕްރިކާސާރ ކިޓާއި 60 ޕޮކެޓް ކިޓް މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. މަސްތުވާތަކެތީގެ އިތުރުން، ވޭތުވެދިޔަ ދޮޅު މަސްދުވަހުގެ ތެރޭގައި 7,000 ވޭޕް ސްޓިކާއި 2 މިލިއަން ސިނގިރޭޓުވެސް ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން، މި ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމުގެ ނިޒާމު ހަރުދަނާކުރުމަށްވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ 9 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގަމުންދާއިރު، ނ. ވެލިދޫ އާއި ލ. އަތޮޅުގައިވެސް އާ ސެންޓަރުތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ދަނީ ކުރިއަށެވެ.

މި ފިޔަވަޅުތަކަކީ ރާއްޖެއިން މަސްތުވާތަކެތީގެ މައްސަލަ ހައްލުކޮށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް ކަސްޓަމްސުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު