މާލޭގެ އެކި ސަރަހައްދުތަކުން ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 1.46 މިލިއަން ރުފިޔާ، މި އޭޕްރިލް މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި އެކަނިވެސް ހޯދިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ފުލުހުން ކުރި މަސައްކަތުން ޖުމްލަ 1,461,315 ރުފިޔާ ވަނީ ހޯދިފައެވެ.

މި ފައިސާ ހޯދާފައިވާ ދާއިރާތަކަށް ބަލާއިރު، އެންމެ ގިނަ ފައިސާ ހޯދާފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނުންނެވެ. އެގޮތުން ގަލޮޅު ޕޮލިހުން 710,404 ރުފިޔާ ހޯދާފައިވާއިރު، ހެންވޭރު ޕޮލިހުން ވަނީ 490,286 ރުފިޔާ ހޯދާފައެވެ. އަދި މާފަންނު ޕޮލިހުން 260,623 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފުލުހުން ބުނި ގޮތުގައި މި ފައިސާއަކީ އެކި ތާރީޚުތަކުގައި ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކާ ގުޅިގެން ހޯދިފައިވާ ފައިސާއެވެ. ނަމަވެސް، މާލެ ސަރަހައްދުން ވައްކަންކޮށްގެން ރިޕޯޓުކޮށްފައިވާ ޖުމްލަ ފައިސާގެ އަދަދެއް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެއެވެ.

ފަހަކަށް އައިސް މާލެއާއި އަތޮޅުތެރޭގައި ވެސް ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާކަން ފުލުހުން ފާހަގަކުރެއެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 3,421 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މިހާތަނަށް ވައްކަމުގެ 952 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު