ކުރީގެ ޕީޕީއެމްގެ ލީޑަރޝިޕް
ކުރީގެ ޕީޕީއެމްގެ ލީޑަރޝިޕް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވުޒާރާތަކަށާއި ވަޒީރުންގެ މަގާމުތަކަށް ގެންނެވި ބަދަލުތަކާ ގުޅިގެން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރަށްވައިފިއެވެ.

މިއަދު އެކްސްގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ޑރ. ޖަމީލް ވިދާޅުވީ، ސަރުކާރުން ފެށުނީއްސުރެވެސް ފެނިގެންދަނީ ރައީސް މުއިއްޒުގެ ސިޔާސަތެއް ނުވަތަ ވަކި މިސްރާބެއް ނެތްކަން ކަމަށާއި، ސަރުކާރުގެ އޮތީ "ލާހޫރުވޭ" ސިޔާސަތެއްކަން ކެބިނެޓަށް ގެނައި ބަދަލުތަކުން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

ޚާއްޞަގޮތެއްގައި ސަރުކާރުން އަލަށް އުފެއްދި ބޮޑެތި ވުޒާރާތައް އުވާލުމާ ގުޅިގެން ޖަމީލް ވިދާޅުވީ، ލޯކަލް ގަވަރމެންޓު މިނިސްޓްރީއާއި ބަހާބެހޭ ވުޒާރާއަކީ އެއްވެސް ވިސްނުމެއް ނެތި އުފެއްދި ތަންތަންކަން މިހާރު ސާފުވެއްޖެ ކަމަށެވެ. އަދި މި ބަދަލުތަކުން ފެނިގެންދަނީ ރައީސް މުއިއްޒުގެ އެއްވެސް ތެދު ނިޔަތެއް ނެތްކަން ކަމަށްވެސް ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.

"މިހާރު ކުއްލިއަކަށް ޖެންޑަރ މިނިސްޓްރީ ނެތިގެންދިޔައިރު، އެތަނަކީ ގިނަބަޔަކު ހުންނަންޖެހޭނެ ކަމަށް ވަކާލާތު ކުރަމުން އައި މުހިންމު ތަނެއް." ޑރ. ޖަމީލް ވިދާޅުވިއެވެ. މީގެ އިތުރުން ސިވިލް އެވިއޭޝަނާއި ޓޫރިޒަމަކީ އެއްވެސް ގުޅުމެއް ހުރި ދާއިރާތަކެއް ނޫން ނަމަވެސް، އެ ދާއިރާ ބަދަލުކުރީ ވަޒީރު ބޭނުންވި އެއްޗެއް ހިފައިގެންދާ އުސޫލުން ކަމަށާއި، ތަޢުލީމީ ވުޒާރާގެ ނަންވެސް ރަނގަޅުކޮށް ނުލެވުނު ކަމަށް ވިދާޅުވެ ޖަމީލް ވަނީ ފާޑުވިދާޅުވެފައެވެ.

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް "ލަނޑުދީ، ހަރާންކޯރުވެ، ރައްޔިތުންނަށް ހުސްގޮނޑި ވިއްކައި ޚިޔާނާތްތެރިވި" ބޭފުޅުންނަށް އިޝާރާތް ކުރައްވަމުން ޖަމީލް ވިދާޅުވީ، ޕީޕީއެމް ފައްތާލި ބޭފުޅުން ވަޒީރުކަމުގެ މަގާމުތަކުގައި ތިއްބެވީ އެބޭފުޅުންގެ ތަރި ދުވަހަކުވެސް ނުއޮއްސޭނެ ކަމަށް ގަބޫލުކޮށްގެން ކަމަށެވެ. ނަމަވެސް މިއަދަކީ އެ ބޭފުޅުންވެސް ހުވަފެނުން ހޭލެވުނު ދުވަހެއް ކަމުގައި ޖަމީލް ސިފަކުރެއްވިއެވެ.

ހަމައެއާއެކު ޑރ. ޖަމީލް ވިދާޅުވީ، ސަރުކާރުގެ މި ދަނޑިވަޅުގައި ވުޒާރާތަކަށާއި ވަޒީރުންނަށް ބަދަލު މި ގެނައީ ރައީސް މުއިއްޒު އަމިއްލަފުޅަށް ޖެއްސެވި "ސަކަރާތުން" އިންތިޚާބުތަކުގައި ލިބުނު ބޮޑު ނާކާމިޔާބީ ފޮރުވުމަށާއި، ހިތްޕުޅުގައި އޮތް އުދާސްގަނޑު ބޭރުކޮށްލުމަށް އެކަނި ކަމަށެވެ.

"މި ފެނުނީ މުއިއްޒަކީ ރުޅި ދެއްކިޔަސް ވިޝަނަރީ މީހެއް ނޫންކަން. ޕްރެޒިޑެންޝަލް ކޮލިޓީއެއް (ރައީސެއްގެ ކިބައިގައި ހުންނަންޖެހޭ ފެންވަރެއް) ގާތްކުރާ މިންވަރަށްވެސް ނެތް ފަރާތެއްކަން،" ޑރ. ޖަމީލްގެ މެސެޖް ނިންމާލައްވަމުން ވިދާޅުވިއެވެ.

ޑރ. ޖަމީލް މިބީދައިން ސަރުކާރަށް ފާޑުވިދާޅުވެފައިވާއިރު، ކައުންސިލް އިންތިޚާބުގައި ލިބުނު ނާކާމިޔާބަށްފަހު ރައީސް ޑރ. މުޢިއްޒު ވަނީ، ކެބިނެޓަށް ބޮޑު ބަދަލެއް ގެންނަވައި ބައެއް ވުޒާރާތައްވެސް އުވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު