ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އެންމެ ވަރުގަދަ ހަތިޔާރަކީ މާތްﷲއަށް ވަކީލުކުރުން
ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އެންމެ ވަރުގަދަ ހަތިޔާރަކީ މާތްﷲއަށް ވަކީލުކުރުން
މުޖުތަމައެއް އިޞްލާޙުކުރުމަށާއި، އަމިއްލަ ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އެންމެ ވަރުގަދަ ހަތިޔާރަކީ މާތްﷲއަށް ވަކީލުކުރުންކަން ކީރިތިޤުރްއާނުގެ ހޫދު ސޫރަތުގެ 88 ވަނަ އާޔަތުން ހާމަވެއެވެ.

މި އާޔަތުގައި މާތް ﷲ ޥަހީ ކުރައްވާފައިވަނީ، އިންސާނަކަށް ލިބޭނެ ހުރިހާ ކާމިޔާބީއެއްގެ އަސްލަކީ އެކަލާނގެ ކަމެވެ.

މި އާޔަތުގެ މާނައިގައިވަނީ، "ތިމަންކަލޭގެފާނަށް (ކަންކަމުގައި) ކާމިޔާބުލިބުންވަނީ، اللَّهގެ މަގުން މެނުވީ ނޫނެވެ. އެކަލާނގެއަށް ތިމަންކަލޭގެފާނު ވަކީލުކުރެއްވީމެވެ. އަދި ތައުބާވެ، ރުޖޫޢަވަނީވެސް ހަމަ އެކަލާނގެ ހަޟްރަތަށެވެ." މިފަދައިންނެވެ. މިއީ ޝުޢައިބުގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ދެއްވި މުހިންމު މެސެޖެކެވެ.

ދީނީ ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި، އިންސާނާ ކިތަންމެ ބޮޑު މަސައްކަތެއް ކުރިކަމުގައިވިޔަސް، އެކަމެއްގައި ބަރަކާތްލައްވައި ކާމިޔާބު ދެއްވަނީ މާތްﷲއެވެ.

އެހެންކަމުން، ކޮންމެ ކަމެއް ފެށުމުގެ ކުރިންނާއި، ކަމެއްގެ ތެރޭގައި އުޅޭއިރުވެސް އެކަލާނގެއަށް ފުރިހަމައަށް ވަކީލުކުރުމަކީ ހިތްހަމަޖެހުމާއި ކާމިޔާބު ލިބޭނެ މަގެކެވެ.

މި އާޔަތުން ލިބިދޭ އަނެއް މުހިންމު ފިލާވަޅަކީ، އިޞްލާޙީ މަސައްކަތް ކުރުމުގައި ސާބިތުވެ ހުރުމެވެ. ތިމާގެ ކުޅަދާނަކަން ހުރި މިންވަރަކުން ހެޔޮކަންކަމަށް ގޮވާލައި، ނުބައިކަންކަން ނަހީކުރުމުގައި ދެމިހުންނަންޖެހެއެވެ. އަދި އެ މަސައްކަތުގައި ކުރިމަތިވާ ހުރިހާ ހުރަސްތަކަކުން ސަލާމަތްވުމަށް އެދި ދަންނަވަންޖެހޭ ފަރާތަކީ މާތްﷲ ކަމުގައި މި އާޔަތުން ހަނދާންކޮށްދެއެވެ.

އަޅުގަނޑުމެން އިންސާނުންނަކީ މާތްﷲގެ އަޅުންނެވެ. އެކަލާނގެ އަޅުގަނޑުމެން އިންސާނުން މި ދުނިޔެއަށް ފޮނުއްވާފައިމިވަނީ އަޅުގަނޑުމެން އިމްތިޙާނު ކުރެއްވުމަށެވެ. އެކަލާނގެ އަށް ތަޤުވާވެރިވެ، އެހީތެރިކަމަށް އެދި، އަޅުގަނޑުމެން ކޮންމެ އިންސާނަކުވެސް އެކަލާނގެއަށް ވަކީލުކޮށްފިނަމަ، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އެމީހަކަށް ލިބޭނެކަން ކަށަވަރެވެ.



ކިޔުންތެރިންގެ ހިޔާލު