ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް-
ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް-
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ (ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީ) އާއި މިނިސްޓްރީ އޮފް ހެލްތު އެއްކޮށްލުމަކީ ރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމަށް ދެވޭ ސަމާލުކަން ކުޑަވެ، މުޅި ދާއިރާ ބޮއްސުންލައިގެން ހިނގައިދާނެ ކަމެއް ކަމަށް ކުރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ޙުސައިން ވިދާޅުވެއްޖެއެވެ.

އިފްހާމް މިހެން ވިދާޅުވީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ވުޒާރާތަކުގެ މަސައްކަތްތަކަށް ބަދަލު ގެނެސް މި ދެ ވުޒާރާ އެއް ކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޖެންޑާ މިނިސްޓްރީގެ މައިގަނޑު މަސްއޫލިއްޔަތަކީ ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށްދިނުމެވެ. ނަމަވެސް، މި ސަރުކާރު ފެށުނީއްސުރެ އެ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި މުޅި އިޖުތިމާޢީ ނިޒާމު ފެއިލްވެފައިވާ ކަމަށް އިފްހާމް ތުހުމަތު ކުރެއްވިއެވެ.

މިފަދަ ނާޒުކު ދަނޑިވަޅެއްގައި ދެ ވުޒާރާ އެއްކޮށްލައި، އެއް ވަޒީރަކު މި ދެ ބޮޑު ދާއިރާ ބެލެހެއްޓުމަކީ މިހާރު ހުރި އިޖުތިމާޢީ މައްސަލަތައް އިތުރަށް ގޯސްވާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އޭގެ ސަބަބުން އިޖުތިމާޢީ ރައްކާތެރިކަމަށް ދެވޭ ސަމާލުކަން ކުޑަވެގެންދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތްކަމަށްވެސް އިފްހާމް ވިދާޅުވިއެވެ.

ޚަރަދު ކުޑަކުރުމުގެ ނަމުގައި ވިޔަސް، ދައުލަތުގެ ބޮޑެތި މަސްއޫލިއްޔަތުތައް ހިމެނޭ ވުޒާރާތަކުގެ މަސައްކަތަށް ނޭދޭ އަސަރުކުރާނެ ގޮތަށް އަމަލުނުކުރުމަށް އިފްހާމް ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ނުގެއްލޭނެ ފަދަ އިތުރު ގޮތްތަކެއް އިޚްތިޔާރުކޮށްގެން ޚަރަދުތައް ކުޑަކުރުމަށް އޭނާ ސަރުކާރަށް އިލްތިމާސް ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު