ރައްޔިތުންގެ ހަގީގީ ވިންދަކީ ދައުލަތުގެ ތެރޭގައި ހިންގާ ވައްކަމާއި ކޮރަޕްޝަން ހުއްޓުވުން ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންތައްތައް ކުރައްވަންވީ އެ ވިންދާ އެއްގޮތަށް ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވަނީ ސަރުކާރުގެ މިހާރުގެ މިސްރާބާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީހުގެ އަމަލުތަކުން އަދިވެސް ފެންނަނީ ބޮޑާކަމާއި ގޮށްދޫނުކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ކެބިނެޓަށް ދާދި ފަހުން ގެނައި ބަދަލުތަކުން އެކަނިވެސް، އައްޑޫ ރައްޔިތުންގެ ވިންދު ސަރުކާރަށް ނޭނގޭކަން ހާމަވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދިނުމަށް ގޮވާލައްވަމުން ޝަމްހީދު ވިދާޅުވީ، ރަސްމާލެ ފަދަ ބިޔަ މަޝްރޫއުތައް ހުއްޓާލުމަށްފަހު، ރައްޔިތުންނަށް އެންމެ ޒަރޫރީ ބޭނުންތައް ކަމަށްވާ ފެނާއި، ނަރުދަމާ އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިސްކަންދޭންޖެހޭ ކަމަށެވެ.

މަސްވެރިންނަށް ބޭނުންވާ ތެޔޮ ލިބޭނެ ގޮތާއި، އާންމު ރައްޔިތުންނަށް ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަކީވެސް ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. ހަމަމިއާއެކު، ސަރުކާރުން އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ ތެރެއަށް ވަނުން ހުއްޓާލަންޖެހޭ ކަމަށް ފާހަގަކުރައްވައި، ސަރުކާރުން ހިންގަން އުޅޭ ޓެކްސީ ލައިން ފަދަ ކަންކަން ހުއްޓާލުމަށް އޭނާ ގޮވާލެއްވިއެވެ.

މީގެ އިތުރުން ޑރ. ޝަމްހީދު ވަނީ ދައުލަތުގެ ބޮ

ޑެތި ކުންފުނިތަކުގެ ތެރޭގައި ހިންގާ ކޮރަޕްޝަނުގެ އަމަލުތަކާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބިލިއަނުން ގުނޭ ކޮރަޕްޝަނާއި އިސްރާފު ހިންގަމުންދާ ކަމަށް ވިދާޅުވެ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެތަނަށް ވަދެ އޮފީސް ހުސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު ވަގުތުން ވަގުތަށް މަގާމުން ވަކިކުރުމަށްވެސް ޝަމްހީދު ގޮވާލެއްވިއެވެ. ޝަމްހީދުގެ ޕޯސްޓުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ 'ބެސްޓިނެޓް' މެދުވެރިކޮށް ހިންގަން އުޅޭ ކަމަށް ތުހުމަތުކުރާ ވަގު ވިޔަފާރި ހުއްޓާލުމަށް ހޯމް މިނިސްޓަރަށް ރައީސް އަންގަވަން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ ހަގީގީ ވިންދަކީ ވައްކަން ކުރުން ހުއްޓުވުން ކަމަށްވާއިރު، ރައީސް މުއިއްޒު ކަންކަން ކުރައްވަންވީ އެ މަގަށް ކަމަށާއި، ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ސަރުކާރުގެ އަމަލުތައް ބައްޓަންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޝަމްހީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު