މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
ރާއްޖޭގެ ބައެއް ރަށްރަށުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ބޮޑުހިލަ ލިބުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ބައެއް މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަށް އާންމުކޮށް ބޮޑުހިލަ އެތެރެކުރާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ހިލަ ލިބުމުގައި މިހާރު ދަތިތަކެއް އެބަހުރި ކަމަށެވެ. މިއީ މެދުއިރުމަތީގެ މަސްރަހު މިހާރު އޮތް ގޮތުން ދިމާވެފައިވާ ގޮންޖެހުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ހިލަ ނުލިބިގެން، ހިލައިގެ ދަތިކަމާ އެއްކޮށް، މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށް ނުގޮސް އެބަހުރި." ޑރ. މުއްތަލިބް ވިދާޅުވިއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ޔޫއޭއީން ހިލަ ލިބުމުގައި ހުރި ހުރަސްތަކުގެ ސަބަބުން، އިންޑިއާއިން ނަމަވެސް ހިލަ ގެނެވޭނެ އުސޫލެއް ކަނޑައަޅައިގެން ކުރިއަށް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މަސައްކަތް ކުރަމުން މިދަނީ އިންޑިއާ އިން ނަމަވެސް ހިލަ ގެނެވޭނެ އުސޫލެއް ކަނޑައަޅައިގެން ކުރިއަށް ގެންދަން، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ހިލަ ނުލިބިގެން، ހިލައިގެ ދަތިކަމާ އެއްކޮށް، މަސައްކަތްތައް ކުރިއަށް ނުގޮސް އެބަހުރި،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދޭނީ ދޭ ވޯޓަކަށް ބަލައިގެން ނޫން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު