އިންޑިއާއިން ބޭނުންވިޔަސް ރާއްޖެ ނުހިފޭނެކަމަށާއި ދުނިޔެ މިވަގުތު ހިނގަނީ އެފަދަ އުސޫލަކުން ނޫންކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް، އާއްޓޭ ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ބޭނުންވެއްޖެނަމަ ދިވެހިން މަރާފައިވެސް ރާއްޖެ ހިފިދާނެކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން އާރިފް ވިދާޅުވީ އިންޑިއާގެ މޮޅުކަމުން ރާއްޖެ ހިފޭނަމަ، އެންމެ ބާރުގަދަ ހަތިޔާރު ގެންގުޅޭ އެމެރިކާއާއި ރަޝިޔާއިން ތިބޭނީ މިހާރު މުޅި ދުނިޔެއަށް ވެރިވެގެންކަމަށެވެ. ނަމަވެސް މިއީ ދުނިޔޭގެ ކަންކަން ހިނގާ އުސޫލު ނޫންކަމަށާއި، ދުނިޔެ އޮތީ އެހެން ނޫންކަމަށް އާއްޓެ ވިދާޅުވިއެވެ.



މިމައްސަލައިގައި އާއްޓެ މީގެކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓައިވާންގެ މައްޗަށް އަތްގަދަކުރަން ވަރުގަދަ ޗައިނާއިން ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް، އެކަން އޮތީ ނުވެފައިކަމަށެވެ. އަދި ކިތަންމެ ބޭނުންވިޔަސް ނުވާނެ ކަންކަން ހުންނާނެކަމަށް އާއްޓެ ވިދާޅުވިއެވެ.



އިންޑިއާއިން ބޭނުންވެއްޖެނަމަ ދިވެހިން މަރާފައިވެސް ރާއްޖެ ހިފިދާނެކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރ ދެއްކެވި ވާހަކައާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ އޭނާ ހޫނު ފެނަށް ވެއްޓިފައިވާއިރު، އެކަމުގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް ވެސް އަމާޒުވެފައެވެ. އޭގެ ތެރޭގައި އިލްމީ ބޭފުޅުންނާއި، ސިޔާސީ ބޭފުޅުންނާއި ދީނީ އިލްމުވެރިންވެސް ހިމެނެއެވެ.

މީގެކުރިން ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވެސް މިފަދަ ވާހަކަފުޅެއް ދައްކަވައިގެން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަނާއަށް ވެސް ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު