އުމުރުން 30 އަހަރުން މަތިވުމުން ނިދުމަތް ހާއްސަ ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއް
އުމުރުން 30 އަހަރުން މަތިވުމުން ނިދުމަތް ހާއްސަ ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއް
ދިރިއުޅުމުގެ އާދަކާދަތަކާއި ހޯރމޯންތަކަށް އަންނަ ބަދަލުތަކަކީ ނިދި މަދުވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކެވެ.

ޒުވާން ދުވަސްވަރު ކޮންމެ ތަނެއްގައި ވެސް ފަސޭހަކަމާއެކު ނިދާލެވޭ އަންހެނުންނަށް، އުމުރުން 30 ގެ ފަހު އަހަރުތަކަށް އެޅުމުން ނިދި ހޯދުމަކީ ބޮޑު ތަކުލީފަކަށް ވެދާނެއެވެ. ކުރިން ހަމައެކަނި ވަގުތު ހޯދާލުމުން ލިބުނު ނިދި، މިހާރު ލިބެނީ ހާއްސަ އާދަކާދަތަކަކާއި، ސަޕްލިމެންޓްތަކާއި، އަދި ދުޢާގެ އެހީގައެވެ.

އަންހެނުންނަށް ފިރިހެނުންނަށްވުރެ ނިދީގެ މައްސަލަތައް ކުރިމަތިވުން ގާތީ، ބާލިޣުވީއްސުރެ މެނޯޕޯސްއާ ހަމައަށް އެސްޓްރޯޖަން އަދި ޕްރޮޖެސްޓަރޯން ހޯރމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށް ނިއުޔޯކްގެ ސްލީޕް މެޑިސިން ސްޕެޝަލިސްޓް ޑރ. ސައިމާ ތާހިރު ވިދާޅުވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފިރިހެނުންނަށްވުރެ ދެގުނަ އިތުރަށް އަންހެނުންނަށް ނިދިނައުމުގެ މައްސަލަ (insomnia) ކުރިމަތިވެއެވެ. ޚާއްޞަކޮށް އުމުރުން 30 ގެ ފަހު އަހަރުތަކާއި 40 ގެ ކުރީކޮޅުގައި މި މައްސަލަ ބޮޑުވަނީ ހޯރމޯންގެ ބަދަލުތަކާއި ދިރިއުޅުމުގެ ޒިންމާތައް އެއްފަހަރާ ކުރިމަތިވާތީއެވެ.

މި އުމުރުގައި ނިދި މަދުވާ މައިގަނޑު ސަބަބުތަކަކީ:

1. ވިހެއުމަށްފަހު ނުވަތަ ކުޑަކުދިން ބެލުމުގެ ޒިންމާ:

މާބަނޑު ދުވަސްވަރަކީ ނިދަން އުނދަގޫ ދުވަސްވަރެއްކަން އެންމެނަށް އެނގެއެވެ. ނަމަވެސް ވިހެއުމަށްފަހު ހަމައެކަނި ދަރިފުޅުގެ ބޭނުންތަކަށްވުރެ ބޮޑަށް، ހޯރމޯންތަކަށް އަންނަ ބޮޑު ބަދަލެއްގެ ސަބަބުން ނިދި ގެއްލެއެވެ. ވިހެއުމަށްފަހު އެސްޓްރޯޖަން އަދި ޕްރޮޖެސްޓަރޯންގެ މިންވަރު ކުއްލިއަކަށް ދަށްވެއެވެ. އެސްޓްރޯޖަންއަކީ ނިދި ހަމަޖައްސައިދޭ ހޯރމޯންއެކެވެ. އަދި ޕްރޮޖެސްޓަރޯންއަކީ ހަށިގަނޑު މަޑުމައިތިރިކޮށްދޭ ނިއުރޯޓްރާންސްމިޓަރެއް ކަމަށްވާ 'ގާބާ' (GABA) އަށް މަސައްކަތްކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން، މައިންނަށް އަލަށް ކުރިމަތިވާ ނަފްސާނީ ފިއްތުންތަކާއި، ދަރިފުޅަށް ކަމެއް ވެދާނެތީ އަބަދު ސަމާލުވެ ތިބެންޖެހުމަކީ ވެސް ނިދި ހޯދުމަށް އުނދަގޫވާ ސަބަބެކެވެ.

2. ޕެރިމެނޯޕޯސް (Perimenopause) އަށް ދިއުން:

މެނޯޕޯސްވުމުގެ ކުރިން އަންނަ މަރުހަލާ ނުވަތަ ޕެރިމެނޯޕޯސް އުމުރުން 30 ގެ މެދުތެރޭގައި ފެށިދާނެއެވެ. މި މަރުހަލާގައި ހޯރމޯންތައް އިންތިހާއަށް އުފުލި ތިރިވުމުގެ ސަބަބުން ގާތްގަނޑަކަށް %42 އަންހެނުންނަށް ނިދިނައުމުގެ މައްސަލަ ދިމާވެއެވެ. މީގެ ސަބަބުން މޫޑު ބަދަލުވުމާއި، ހާސްވުން (anxiety) ކުރިމަތިވެ، ރޭގަނޑު ސިކުނޑި ހަމަޖެހުމަށް ހުރަސްއެޅެއެވެ. މީގެ އިތުރުން ނިދީގައި ނޭވާ ހުއްޓޭ މައްސަލަ (sleep apnea) އާއި ފައި ތަޅުވުން (restless leg syndrome) ފަދަ ކަންކަން ކުރިމަތިވުމުގެ ފުރުސަތު މި އުމުރުގައި ބޮޑުވެއެވެ.

3. ދަރިމައިވުމުން ހުއްޓުވާ ބޭސް (Birth Control) ބަދަލުކުރުން:

އުމުރުން 30 ގެ ފަހު އަހަރުތަކުގައި ދިރިއުޅުމުގެ ހާލަތަށް ބަލައި ބޭނުންކުރާ ބޭސްތަކަށް ބަދަލު ގެނައުމަކީ އާންމު ކަމެކެވެ. ބޭނުންކުރާ ބޭހުގެ ބާވަތަށް އަންނަ ބަދަލެއްގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނުމިނަށް ބަދަލު އައިސް، ރޭގަނޑު ގިނައިން ހޭލެވޭ ގޮތް މެދުވެރިވެދާނެއެވެ.

4. ނަފްސާނީ ފިއްތުންތައް އިތުރުވުން:

މިއީ އާންމުކޮށް "ސޭންޑްވިޗް ޖެނެރޭޝަން" ނުވަތަ ކުޑަކުދިން ބެލުމާއި ދުވަސްވީ މައިންބަފައިން ބެލުމުގެ ޒިންމާ އެއްފަހަރާ އުފުލަންޖެހޭ އުމުރެވެ. ވަޒީފާގެ ކުރިއެރުމާއި، ކައިވެނީގެ ޒިންމާތައް ފަދަ ގިނަ ކަންތައްތަކެއް އެއްފަހަރާ ކުރިމަތިވުމުން، ހަށިގަނޑުގައި 'ކޯޓިސޯލް' ފަދަ ސްޓްރެސް ހޯރމޯންތައް ރޭގަނޑު ވެސް މަތީ މިންވަރެއްގައި ހުރެއެވެ. މީގެ ސަބަބުން ހަށިގަނޑު ހަމަޖެހިލަން ބޭނުންވާ ވަގުތު، ހަށިގަނޑު ހުންނަނީ "ފައިޓް އޯ ފްލައިޓް" މޯޑުގައެވެ.

ހައްލަކީ ކޮބާ؟

ނިދީގެ މައްސަލަތަކަށް އަމިއްލައަށް ކުރެވިދާނެ ބައެއް ކަންތައްތައް ހުރެއެވެ. އެގޮތުން ނިދާ ކޮޓަރި ފިނިކޮށް ބެހެއްޓުމާއި، ހަވީރު ފަހުން ކެފެއިން އަދި ރޭގަނޑު ބަނގުރާ ފަދަ ތަކެއްޗާ ދުރުވުމާއި، ކޮންމެ ދުވަހަކު ވެސް އެއް ގަޑިއެއްގައި ނިދައި ހޭލުމަށް އާދަކުރުން ހިމެނެއެވެ.

ނަމަވެސް، މިފަދަ ބަދަލުތަކުން ވެސް ރަނގަޅު ނުވާނަމަ، ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަކީ މުހިންމު ކަމެކެވެ. ނިދި މަދުވުމަކީ ހަމައެކަނި ވަރުބަލިކުރުވާ ކަމެއް ނޫނެވެ؛ މިއީ ހިތުގެ ބަލިތަކާއި، ސިކުނޑި ދުވަސްވުމާއި، އަދި ހަނދާން ނެތޭ ބަލި (dementia) ޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެކެވެ. ހަމަނިދި ލިބުމަކީ ހަމައެކަނި ސިއްޙީ ގޮތުން ފައިދާހުރި ކަމެއް ނޫނެވެ، އެއީ ތިމާގެ އަމިއްލަ ނަފްސު އަލުން ހޯދައިދޭނެ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު