އަދާލަތު ޕާޓީގެ ރައީސް އިމްރާން، އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު
އަދާލަތު ޕާޓީގެ ރައީސް އިމްރާން، އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައްޔިތުންގެ ލޮލުގައި އަނދުންއެޅުވުމަށްޓަކައި ސަރުކާރުން ހިންގަވާ "ޑްރާމާތައް" ހުއްޓަވާލެއްވުމަށް، ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އިލްތިމާސް ކުރަށްވައިފިއެވެ.

އިމްރާން މިފަދަ ބަހުގެ ހަމަލާއެއް ސަރުކާރަށް އަމާޒު ކުރެއްވީ، ސަރުކާރުގެ ކެބިނެޓުގެ 10 މިނިސްޓަރަކު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުން އެދޭފަދަ ހެޔޮ ބަދަލުތަކެއް ގެނައުމަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. އަދި މިއީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ގެނެވޭ ބަދަލެއް ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ބަދަލުތަކާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި އިމްރާން ވިދާޅުވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން އިސްލާހުކުރުގެ ހަގީގީ ނިޔަތެއް އޮތް ނަމަ، މޫނުމަތި ރީތިކުރުމުގެ ބޭނުމުގައި މާނައެއް ނެތް ކަންކަން ކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އޭގެ ބަދަލުގައި ރައްޔިތުން ހަގީގަތުގައިވެސް އެދޭ ފަދަ މައުނަވީ ބަދަލުތަކެއް ސަރުކާރުގެ ތެރެއިން ފެންނަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެންމެ އަގުބޮޑު އެއް ހަރުމުދާ ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން ބޮއްސުންލާފައިވާ މިންވަރަށް އިމްރާން ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެއާޕޯޓު މޯގޭޖުކޮށްގެން ނަގާ ފައިސާއިން ސަރުކާރުގެ ވެރިންގެ ޖީބުތައް ފުރަމުންދާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ގާތް ރަހުމަތްތެރިންނަށް ގޭގައި ތިބެގެން މުސާރަ ލިބޭ ގޮތަށް ވަޒީފާތައް ބަހަމުންދާ ކަމަށް އިމްރާން ތުހުމަތު ކުރެއްވިއެވެ.

އަދި އެއާޕޯޓުގެ ވިޔަފާރިތައް އެއްވެސް ވާދަވެރިކަމެއް ނެތި ގާތް ބޭފުޅުންނަށް ދެމުންދާއިރު، ލޯނުތައް ނުދެއްކި އެއާޕޯޓު ނީލަންކިޔަން ޖެހޭ ފަދަ ނުރައްކާތެރި ހާލަތަކަށް އެމްއޭސީއެލް ގޮސްފައިވާކަން ރައީސަށް އެނގިވަޑައިގަންނަވާތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

އިމްރާން އިތުރަށް ގޮވާލެއްވީ، ރައްޔިތުންނަށް އޮޅުވާލުމަށް ހިންގާ ސިޔާސީ ހަރަކާތްތައް ހުއްޓާލުމަށްފަހު، އެމްއޭސީއެލްގެ ބޯޑަށް ވަގުތުން ބަދަލު ގެނައުމަށެވެ. އަދި ސިޔާސީ ފިކުރަށް ބެލުމުގެ ބަދަލުގައި، ތައުލީމާއި ތަޖުރިބާ ހުރި ގާބިލު ދިވެހިންނާ އެތަން ހަވާލުކޮށްގެން ނޫނީ ގައުމުގެ އިގްތިސާދީ މައިނާރު ސަލާމަތް ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"‏ރައްޔިތުންގެ ލޮލުގައި އަނދުންއެޅުވުމަށް ތިޔަކުޅުއްވާ ޑްރާމާ ހުއްޓަވާލައްވާ ލަސްނުކޮށް އެމްއޭސީއެލްގެ ބޯޑަށް ބަދަލުގެންނަވާ! ސިޔާސީ ފިކުރަށްވުރެ ތަޖުރިބާ އާއި ތައުލީމަށް އިސްކަންދީގެން ޤާބިލު ދިވެހިންނާ އެތަން ހަވާލުކުރަން ގޮވާލަން!" އިމްރާންގެ ޕޯސްޓުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު