ޕީއެންއެފްގެ އެސްޖީ މަލީހް ޖަމާލް-
ޕީއެންއެފްގެ އެސްޖީ މަލީހް ޖަމާލް-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުން އެއްފަހަރާ 10 މިނިސްޓަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން، ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް މުއިއްޒު އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފިއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މަލީހް ވިދާޅުވީ މިހާރު ރާއްޖެ އޮތް ހާލަތުން އިސްތިއުފާ ދޭންޖެހެނީ ވަޒީރުން ނޫން ކަމަށާއި، އިސްތިއުފާ ދެއްވަންވީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

"އިސްތިއުފާ ދޭން ޖެހެނީ މުއިއްޒު، މިނިސްޓަރުންނެއް ނޫން،" މަލީހްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، މަލީހް ވަނީ އިސްތިއުފާ ދެއްވި ވަޒީރުންނަށް ހާއްސަ ނަސޭހަތެއްވެސް ދެއްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް މުއިއްޒު އަލުން ކެބިނެޓް އެކުލަވާލައްވާއިރު، މިހާރު ވަކިކުރި ނުވަތަ އިސްތިއުފާ ދެއްވި އެއްވެސް ވަޒީރަކު އަލުން އެ ކެބިނެޓުގައި ބައިވެރިނުވުމަކީ އޭނާގެ އިޚްލާޞްތެރި ނަސޭހަތެއް ކަމަށެވެ.

ސަރުކާރުގެ ހިންގުންތެރިކަމާ މެދު ސުވާލު އުފައްދަވަމުން މަލީހް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒަކީ "ސްޓޭބަލް" ނުވަތަ ސިޔާސީ ގޮތުން ހަމަޖެހޭ ބޭފުޅެއް ނޫން ކަމަށާއި، މި ވެރިކަން ދެމިނޯންނާނެ ކަމަށެވެ. އަދި މިވަގުތު ގައުމުގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ބަދަލުތައް އައިސްފައިވަނީ ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެ އިންތިޚާބުގެ ނަތީޖާއަށްފަހު ރައީސް މުއިއްޒު ވަނީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި، 10 މިނިސްޓަރުން އިސްތިއުފާ ދެއްވީ ސަރުކާރުގެ ހިންގުމަށް ގެންނަން ބޭނުންވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ސަރުކާރުގެ އެތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމާއި، ސިޔާސީ ގޮތުން ކުރިމަތިވަމުންދާ ޕްރެޝަރުތަކުގެ ސަބަބުން ދިމާވި ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު